މުހައްމަދު އައުޒަމް
އިންޑިއާއިން ރާއްޖޭގައި ކޮވިޑް-19 ވައިރަސް އަށް ޓެސްޓުކުރެވޭ ލެބެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އިންޑިއާ އާމީގެ ސްޕޯކްސްޕާސަން ކާނަލް އަމަން އާނަންދް އާއި ހަވާލާދީ ދަހިންދޫ ނޫހުން ބުނެފައިވަނީ މިމަހުގެ 13 ވަނަ ދުވަހު އިންޑިއާއިން ރާއްޖެއަށް ފޮނުވާފައިވާ އާމީގެ މެޑިކަލް ޓީމުން ކޮވިޑް-19 އަށް ޓެސްޓު ކުރެވޭ ލެބެއް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޮނުވި މެޑިކަލް ޓީމުގައި ހަ ޑޮކްޓަރުންނާއި އަށް ޕެރަމެޑިކް ސްޕެޝަލިޓުން ހިމެނެއެވެ.
އިންޑިއާގެ މެޑިކަލް ޓީމު ރާއްޖެ އައުމާއެކު ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އެ ޓީމަށް މަރުހަބާ ދެންނެވުމަށް ޓުވީޓެއް ކުރައްވާފައެވެ. އެޓުވީޓުގައި މިނިސްޓަރު ވިދާޅުވީ ކޮވިޑް 19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި އިންޑިއާގެ މެޑިކަލް ޓީމު، ރާއްޖޭގެ ސިއްހީ ބޭފުޅުންނާއެކު މަސައްކަތްކުރާނެ ކަމަށެވެ. އަދި އިންޑިއާއިން ފޯރުކޮށްދިން އެހީތެރިކަމަށްޓަކައި އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިޔަމް ޖަޔަޝަންކަރަށް މިނިސްޓަރު ޝާހިދު ވަނީ ޝުކުރު ދަންނަވާފައެވެ.
ކޮވިޑް 19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކުގައި އެހީތެރިވުމުގެ ގޮތުން އިންޑިއާއިން ވަނީ ރާއްޖެއަށް ތިން މަސް ދުވަހުގެ މުއްދަތަށް ބޭނުންވާނެ ބޭސް ވެސް ހަދިޔާކޮށްފައެވެ. އިންޑިއާއިން ރާއްޖެއަށް ތަފާތު 53 ވައްތަރެއްގެ ބޭސް ހަދިޔާ ކޮށްފައި ވެއެވެ. މި ބޭސްތަކުގެ ތެރޭގައި އިންޑިއާއިން އެކްސްޕޯޓް ކުރުން މެދުކަނޑާލާފައިވާ އަދި ކޮންޓްރޯލް ކޮށްފައިވާ ބައެއް ބޭސް ވެސް ހިމެނޭކަމަށް މިނިސްޓަރު ޝާހިދު ވަނީ ވިދާޅުވެފައެވެ.