ކުއްލި ޚަބަރު

އިންތިހާބު ފަސްކުރުމުގެ ބާރު ސުޕްރީމް ކޯޓަކަށް ނެތް، އެކަން ކުރެވޭނީ މަޖިލީހަށް: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ނެތް ކަމަށާއި އެކަމަށް ފަރުވާއެއް ހޯދަން އޮތް ތަނަކީ ރައްޔިތުންގެ މަޖިލިސް ކަމަށް އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދާ، ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި މެންބަރަކު ދެއްކެވި ވާހަކައާގުޅިގެން ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، އިންތިހާބު ފަސް ކޮށް، ބާތިލުކޮށް އިންތިހާބުގެ ތާރީހު ކަނޑައެޅުމަކީ ސުޕްރީމްކޯޓަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ.

އަންނަ އޭޕްރީލް މަހުގެ 18 އަށް ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު، އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމާ ގުޅިގެން، އިންތިހާބު އިތުރަށް ލަސް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނިކޮށް، މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ހުދޫދުން ބޭރުން މީގެ ކުރިިން އެ ކޯޓުން ކޮށްފައިވާ ކަންތައްތަކެއް، މަޖިލީހުގެ ޖުޑިޝަރީ ކޮމީޓީންނާއި ޖުޑިޝަލްސާވިސް ކޮމިޝަން (ޖޭއެެސްސީ)އިން ބަލާފައިވާ ކަމަށެވެ. އަދި އެކަންތައްތައް ބަލައި އެ ތަންތަނުން ނެރުނު އެއްވެސް ރިޕޯޓެއްގައި، އިންތިހާބު ބާތިލު ކުރުމާއި ފަސްކުރުމަކީ ސުޕްރީމްކޯޓާ ގުޅުން ހުރި ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން އިންތިހާބު ފަސް ކުރުމަށް ފަރުވާއެއް ހޯދަން އޮތް ތަނަކީ ރައްޔިތުންގެ މަޖިލިސް ކަމަށާއި ހުރިހާ މެންބަރުންވެސް އެނުކުތާއަށް ވިސްނެވުމަށް މަޖިލިސް ރައީސް އެދިވަޑައިގެންނެވިއެވެ.

މަޖިލިސް ރައީސް އިތުރަށް ވިދާޅުވީ، އިންތިހާބު ލަސްކުރުމާއި ލަސްކޮށްގެން ނިކުންނާނެ ނަތީޖާތަކާއި އިންތިހާބު ފަސްކުރާނީ ކިހާ މުއްދަތަކަށްތޯ އާއި، އެކަމާ ބެހޭ ނިިންމުންތައް ސާފުވާން ޖެހޭ ކަމަށާއި އެއީ މަޖިލިސް މެންބަރުންގެ މަސްއޫލިއްޔަތެއް ކަމަށެވެ.

"އިންތިހާބު ލަސްކުރުމާއި ލަސްކޮށްގެން ނިކުންނާނެ ނަތީޖާތަކާއި ފަސްކުރާ ނަމަ ފަސްކުރާނީ ކިހާ މުއްދަތަކަށްތޯ އާއި ރޯގާގެ ބަލިމަޑުކަމުން އަަޅުގަނޑުމެން އަރައިގަނެވިގެން އިންތިހާބަށް ދާން ނިންމާ ނިމްމުމެއްގައި ސާފުވާން އެބަ ޖެހޭ އެބަލިމަޑުކަމުން އަރައި ގަނެވެން އޮތީ ކޮންއިރެއްގައިތޯ،" މަޖިިލިސް ރައީސް ވިދާޅުވިއެވެ.