ކޮވިޑް 19

ކޮވިޑް 19 : އެމެރިކާގައި ފުރަތަމަ ފަހަރަށް އިންސާނުންގެ ހަށިގަނޑުގައި ވެކްސިނެއް ޓެސްޓުކޮށްފި

މިންހާ ފާއިޒް ރަޝާދު

ފުރަތަމަ ފަހަރަށް އެމެރިކާގައި ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އިންސާނުންގެ ހަށިގަނޑުގައި ވެކްސިނެއް ޓެސްޓު ކޮށްފިއެވެ.

ވޮޝިންޓަންގެ ސިއޭޓަލްގައި ހުންނަ ކައިސަރު ޕާމަނަންޓޭ ރިސާޗް ފެސިލިޓީގައި ކުރިއަށް ދިޔަ މި ޓެސްޓުގައި ހަތަރު މީހަކަށް ވަނީ ވެކްސިން ދީފައެވެ. އެހަތަރު މީހުންނަކީވެސް ވޮލަންޓިއަރުންނެވެ.

ވެކްސިން އުފައްދާފައިވަނީ ކޮރޯނާވައިރަހުން ކޮޕީކޮށްފައިވާ ޖެނެޓިކް ކޯޑެއް ބޭނުން ކޮށްގެން ކަމަށް ސައިންޓިސްޓުންނާއި ހަވާލާދީ ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް ސިއްހީ މާހިރުން ބުނާ ގޮތުގައި މި ވެކްސިންވެސް މަސައްކަތް ކުރާނެކަން ޔަގީން ކުރަން އެތައް މަހެއް ބޭނުންވާނެ އެވެ.

އެ ދިރާސާގައި ހަރަކާތްތެރިވާ ސައިންޓިސްޓުންނާ ހަވާލާދީ އެސޯޝިއޭޓް ޕްރެސްގައި ބުނެފައި ވަނީ އިއްޔެ އެންމެ ފުރަތަމަ ވެކްސިން ދީފައިވަނީ 43 އަހަރުގެ ދެދަރިންގެ މަންމައަކަށް ކަމަށެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ކޮރޯނާވައިރަސް އަދި ކޮވިޑް19 އިން ރައްކާތެރިވުމަށް އެތައް ދިރާސާތަކެއް މެދުނުކެނޑި ކުރަމުން އަންނައިރު، އެމެރިކާގައި އިއްޔެ ޓެސްޓު ކުރި ވެކްސިން އަކީ އިންސާނެއްގެ ހަށިގަނޑުގައި ޓެސްޓުކުރި ފުރަތަމަ ވެކްސިން އެވެ.

"ވެކްސިން އުފައްދާފައިވަނީ ވަރަށް ރަނގަޅު މިންގަނޑުގައި. ވެކްސިންގައި ބޭނުންކޮށްފައި ވާނީ އިންސާނުންގެ ހަށިގަނޑަށް ރައްކާތެރި އެއްޗެހި. މި ޓެސްޓުގައި ބައިވެރިވި ފަރާތްތައް ވަރަށް ގާތުން މޮނިޓާ ކުރަމުންދާނެ" ދިރާސާގައި އިސްކޮށް ހަރަކާތްތެރި ވި ޔޫކޭގެ އިންފެކްޝިއަސް ޑިޒީޒްގެ އެކްސްޕާޓު، ޑރ. ޖޯން ޓްރެގޮނިން ވިދާޅިއެވެ.

"މިހެދުނީ ވަރަށް އަވަހަށް. މަސައްކަތް މިކުރީ ވައިރަސް އަށްވުރެ ކުރިއެރޭތޯ. އެހެނިހެން ސައިންޓިސްޓުންނާ ނޫން. މިއީ ހިއުމަނިޓީއަށް ކުރާ ކަމެއް" ޑރ. ޖޯން އިތުރަށް ވިދާޅުވިއެވެ.

އާންމުކޮށް ވެކްސިންތައް (މިސާލަކަށް މީސަލްސްގެ ވެކްސިން) އުފައްދާފައިވަނީ އެވައިރަހުގެ މަރުވެފައިވާ ނުވަތަ ހަލާކުވެފައިވާ ބައެއް ބޭނުން ކޮށްގެންނެވެ. ނަމަވެސް ކޮރޯނާވައިރަހަށް އުފެއްދި މި ވެކްސިން އުފައްދާފައިވަނީ ކޮވިޑް19 ޖެހޭ ވައިރަސް ބޭނުން ކޮށްގެން ނޫން ކަމަށް ޑޮކްޓަރުން ބުނިއެވެ.

އޭގައި ބޭނުން ކޮށްފައިވަނީ ވައިރަހުން ފެނުނު ޖެނެޓިކް ކޯޑެއް ކޮޕީކޮށްގެން ނެވެ. އެ ޖެނެޓިކް ކޯޑް އުފެއްދީ ލެބޯޓަރީގައި ކަމަށް ވެއެވެ. ޑޮކްޓަރުން ލަފާ ކުރަނީ އޭގެ ސަބަބުން އިމިއުން ސިސްޓަމް އިތުރަށް ވަރުގަދަވެ، އިންފެކްޝަން ހަށިގަނޑު ތައްޔާރު ކޮށްދޭނެ ކަމަށެވެ.

މި ޓެސްޓުގައި ބައިވެރިވި ވޮލަންޓިއަރުންނަށް ވެކްސިންގެ ދެ ޑޯޒް ދޭނެ ކަމަށް ވެއެވެ. ފުރަތަމަ ޑޯޒަށްފަހު 28 ދުވަސްފަހުން ދެވަނަ ޑޯޒެއް ދެވޭނެއެވެ. ވެކްސިން ޖަހަނީ އަތަށެވެ.

ނަމަވެސް މި ޓެސްޓުގެ ނަތީޖާ ރަނގަޅަށް އައި ކަމުގައިވިއަސް އާންމުންނަށް މި ވެކްސިން ލިބުމަށް އިތުރު 18މަސް ނަގާނެ ކަމަށް ޑޮކްޓަރުން ބުނެއެވެ.