ކޮވިޑް 19

ކޮވިޑް 19 : ދެ ހަފްތާއަށް މެލޭޝިއާ އެެއްކޮށް ލޮކްޑައުން ކުރުމަށް ނިންމައިފި

އަލީ ޔާމިން

ކޮވިޑް 19އާ ގުޅިގެން ދެ ހަފްތާއަށް މެލޭޝިއާ އެއްކޮށް ލޮކްޑައުން ކުރުމަށް ނިންމައިފިއެވެ.

މިއަދު އެ ނިންމުން ނިންމާފައިވާކަން އިއުލާންކުރެއްވީ މެލޭޝިއާގެ ބޮޑުވަޒީރު މުހިއްޔުއްދީން ޔާސީނެވެ.

ގިނަ އަދަދެއްގެ ދިވެހިންވެސް ދިރިއުޅެމުން އަންނަ މެލޭޝިއާ ލޮކްޑައުން ކުރުމަށް ނިންމާފައިވަނީ، މިމަހު 18 ވަނަ ދުވަހުން ފެށިގެން މިމަހު 31 ދުވަހުގެ ނިޔަލަށެވެ.

ބޮޑުވަޒީރު މުހިއްޔުއްދީން ޔާސީން ވިދާޅުވީ، ކޮރޯނާވައިރަސްގެ ހާލަތު އިތުރަށް ގޯސްވަންދެން ބަލަހައްޓައިގެން ނުތިބެވޭނެ ކަމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށެވެ. އަދި އެ ގައުމު ލޮކްޑައުން ކުރުމުން ކޮވިޑް 19 ފެތުރުމުގެ ފުރުސަތު ކުޑަވާނެ ކަމަށްވެސް ޔާސީން ވިދާޅުވިއެވެ.

މެލޭޝިއާ ލޮކްޑައުން ކުރުމާއެކު އެގައުމުގައި ދީނީ އަދި އިޖުތިމާއީ ހަރަކާތްތައް ކުރިއަށް ގެންދިއުން ހުއްޓާލެވޭނެއެވެ. އަދި މެލޭސިއާގެ ރައްޔިތުންނަށް އެހެން ގައުމުތަކަށް ދަތުރުކުރުން މަނާކުރެވިގެންދާއިރު، ބޭރުގެ ގައުމުތަކުން އެގައުމަށް އަންނަ އެގައުމުގެ މީހުން 14 ދުވަސްވަންދެން ކަރަންޓީން ކުރެވޭނެއެވެ.

މީގެ އިތުރުން އެެގައުމުގެ ހުރިހާ ސްކޫލުތަކާއި ކޮލެޖު ޔުނިވާސިޓީތައްވެސް ބަންދު ކުރެވޭނެއެވެ. އަދި ޒަރޫރީ ހިދުމަތްތައް ދޭ ސަރުކާރު އޮފިސްތަކާ ކުންފުނިތައް ފިޔަވައި އެހެނިހެން ތަންތަން ބަންދުކުރެވިގެންދާނެއެވެ.

މެލޭޝިއާގައި ވަނީ 553 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެފައެވެ.