ކޮވިޑް 19

އުކުޅަހަށް ގެސްޓުން ގެންދިއުން މާދަމާއިިން ފެށިގެން ހުއްޓާލަން ނިންމައިފި

އިބްރާހިމް ޒަކީ

ކޮވިޑް 19 އާ ގުޅިގެން އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން، މާދަމާއިން ފެށިގެން އއ.އުކުޅަހަށް ފަތުރުވެރިން ނުގެންދާ ގޮތަށް ހަމަޖައްސައިފިއެވެ.

މިކަން ހާމަކޮށް އުކުޅަހު ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވުމާއި، ވައިރަސްއަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވެ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އިތުރުވަމުންދާ ކަމަށެވެ.

މާދަމާއިން ފެށިގެން އެރަށަށް ގެސްޓުން ނުގެންދަން ނިންމީ، ކޮވިޑް 19 އާ ގުޅިގެން އިތުރަށް އެޅޭނެ ފިޔަވަޅަކީ ކޮބައިތޯ އާއި ގެސްޓް ހައުސްތަކަށް އިތުރަށް ބުކިން ނުނެގުމާ ގުޅޭ ގޮތުން، އުކުޅަހު ކައުންސިލާއި ކޮވިޑް 19 އުކުޅަސް ޓާސްކްފޯސް އާއި ގެސްޓުހައުސް ވިޔަފާރިކުރާ ފަރާތްތަކާއި ޑައިވް ސެންޓަރުތަކުގެ ވެރިން މަޝްވަރާ ކުރުމަށްފަހުގައި ކަމަށްވެސް ބުނެފައި ވެއެވެ.

އެހެންކަމުން ކޮވިޑް 19 ގެ ބަލިމަޑުކަމުން އުކުޅަހު ރައްޔިތުން ސަލާމަތްކޮށް ރައްކާތެރި ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާދަމާއިން ފެށިގެން އަންނަ އޭޕްރީލް މަހުގެ ނިޔަލަށް އެރަށަށް ގެސްޓުން ނުގެންދަން ނިންމީ ކަމަށް ބުނެފައި ވެއެވެ.

އެހެންކަމުން "މި ނުރައްކާތެރި ބަލިމަޑުކަމުން އުކުޅަހުގެ ލޮބުވެތި ރައްޔިތުން ސަލާމްތްކޮށް ރައްކާތެރި ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން 17 މާޗް 2020 ވާ އަންގާރަ ދުވަހުގެ 6:00 އިން ފެށިގެން އެކެއް އޭޕްރީލް ވާ ބުދަ ދުވަހުގެ ނިޔަލަށް އެއްވެސް ފަތުރުވެރިޔަކު އިތުރަށް ނުގެނައުމަށް އުކުލަހު ކައުންސިލާއި ކޮވިޑް 19 އުކުޅަސް ޓާސްކްފޯސް ކޮމިޓީ އާއި އެކު އެއްބަސްވެފައިވާ،" ކަމަށް އުކުޅަހު ކައުންސިލުން ބުނެފައިވެއެވެ.