ކުއްލި ޚަބަރު

މަޖިލިސް މެންބަރުންގެ މުސާރައިގެ 20 ޕަސެންޓް ކުޑަކުރަން އެމްޑީޕީން ހުށަހަޅައިފި

އިބްރާހިމް ޒަކީ

3

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިގެ 20 ޕަސެންޓު ކުޑަކުރަން، އެމްޑީޕީން ހުށަހަޅައިފި އެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު ދެންމެ ކުރެއްވި ޓވީޓެއްގައި ވިދާޅުވީ، މަޖިލިސް މެންބަރުންގެ މުސާރައިގެ 20 ޕަސެންޓް އުނިކޮށްދިނުމަށް، އެމްޑީޕީގެ ޕާލަމެންޓް ގްރޫޕުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މެދުވެރި ކުރައްވައި، މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅުއްވައި ދެއްވުމަށް މިއަދު ދަންނަވާފައިވާ ކަމަށެވެ.

އެމްޑީޕީން މެންބަރުންގެ މުސާރަ އުނިކުރަށް ހުށަހަޅާފައިވާއިރު، ކޮވިޑް 19 އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހަރަދުން 19.3 މިލިއަން ރުފިޔާ ކުޑަކުރަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ކިބައިން އެދިވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހުގެ ހަރަދުތައް ކަނޑަން ފިނޭންސް މިނިސްޓަރުގެ ސިޓީއެއް ލިބިވަޑައިގެންފައިވާ ކަމަށާއި އެ ސިޓީގައި މަޖިލީހުގެ ހަރަދުން 19.3 މިލިޔަން ރުފިޔާ ކުޑަކޮށްދެއްވުމަށް މިނިސްޓަރު އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި އެއީ ކޮށްދެވޭނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ އެކައުންޓުތައް ބައްލަވައިގެން 19.3 މިލިއަން ރުފިޔާ އުނިކުރެވޭނެ ބައިތައް ހޯއްދަވައިދެއްވުމަށް މަޖިލީހުގެ ނައިބު ރައީސްގެ އަރިހުން މިހާރު އެދިވަޑައިގެންފައިވާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟