ކޮވިޑް 19 އާ ގުޅިގެން ހުރިހާ ވަސީލަތްތަކާއެކު 200 އައިސީޔޫ އެނދު ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެފިއެވެ.
ކޮވިޑް 19 އާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ރާއްޖޭގައި ކޮވިޑް 19އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ހުރިހާ ވަސީލަތްތަކާއެކު 200 އައިސީޔޫ އެނދު ގާއިމު ކުރުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށެވެ.
"ޓާގެޓަކީ ހަމަ 200 އައިސީޔޫ އެނދު ތައްޔާރުކުރުން. ފުލް ކެޕޭސިޓީއާ އެއްކޮށް މިކަމަށް ބޭނުންވާ ހުރިހާ އިކިއުޕްމެންޓަކާ އެކީގައި. އެކަން ކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް އެބަދޭ" މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑް 19 ޖެހިގެން ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް މިހާރު ހުރީ 10 އެނދުގެ އައިސީޔޫއެކެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލުގައި ހުރި އައިސީޔޫއެވެ. އެތާނގައި މިހާރުވެސް އަންނަނީ ކޮވިޑް 19 ޖެހިފައިވާ ދެމީހަކަށް ފަރުވާ ދެމުންނެވެ.
ރާއްޖެއިން މިހާތަނަށް ވަނީ 13 މީހަކަށް ކޮވިޑް 19 ޖެހިފައެވެ.