ކޮވިޑް 19އާއި ގުޅިގެން އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސިނަމާތައް ވަގުތީ ގޮތުން ހުއްޓާލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގައިފިއެވެ.
އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ސިނަމާތައް ވަގުތީ ގޮތުން ހުއްޓާލުމަށް އެންގީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މިމަހުގެ 12 ވަނަ ދުވަހު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން ދެ ހަފުތާގެ މުއްދަތަކަށް ރާއްޖޭގައި ހިންގާ އެންމެހާ ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން ހުއްޓާލުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް، މައިމޫނާ އަބޫބަކުރު ކަމާބެހޭ އެންމެހާ އިދާރާތަކަށް އަންގާފައިވާކަމަށް އެޗްޕީއޭގެ ބަޔާނުގައި ވެއެވެ.
ކޮވިޑް 19އާ ގުޅިގެން ސިނަމާތައް ބަންދުކޮށްފައިވާއިރު، ސްކޫލުތަކާއި ކޮލެޖު ޔުނިވާސިޓީތަކުގެ އިތުރުން ޓިއުޝަން ކްލާސްތަކާއި ގުރުއާން ކްލާސްތައްވެސް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ.
ރާއްޖޭގައި މިހާތަނަށް 13 މީހަކު ވަނީ ކޮވިޑް 19އަށް ޕޮޒިޓިވްވެފައެވެ.