ކޮވިޑް 19

އަނެއްކާވެސް ހަފުތާއަކަށް ސްކޫލުތައް ބަންދުކޮށް، ޓިއުޝަން އަދި ގުރުއާން ކުލާސްތައްވެސް ބަންދުކުރަން އަންގައިފި

އަލީ ޔާމިން

އަނެއްކާވެސް އިތުރު އެއް ހަފުތާއަށް ސްކޫލުތައް ބަންދުކޮށް، ޓިއުޝަން އަދި ގުރުއާން ކްލާސްތައްވެސް ބަންދުކުރަން ނިންމައިފި އެވެ.

ކޮވިޑް 19އާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް ސަރުކާރުން ކަނޑައަޅައިފައިވާ މަންދޫބު މުހައްމަދު މަބުރޫކު އަޒީޒް މިމަހުގެ 11 ވަނަ ދުވަހު ވިދާޅުވީ، އެއް ހަފުތާއަށް ސްކޫލުތައް ހުޅުވަން ފަސްކޮށްފައިވާ ކަމަށާއި ރާއްޖޭގެ ހާލަތު ބަދަލުވަމުން އަންނަ ވަރަކަށް އެކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ރާއްޖޭގައި ހިންގާ ޓިއުޝަން ކްލާސްތަކާއި ގުރުއާން ކްލާސްތައް މަޑުޖައްސާލަން އަންގާފައިވާނެ ކަމަށެވެ. އޭގެ އިތުރުން އިތުރު އެއް ހަފުތާއަށް ސްކޫލުތައްވެސް ބަންދު ކުރަން ނިންމާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ނެރުނު ބަޔާނުގައި ބުނީ، މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން އެއް ހަފުތާއަށް ދިވެހިރާއްޖޭގެ އެންމެހައި ސްކޫލުތަކާއި ތައުލީމުދޭ މަރުކަޒުތަކުގެ ކިޔަވައިދުނުން ހުއްޓާލުމަށާއި ރާއްޖޭގައި ހިންގާ ޓިއުޝަން ކްލާސްތަކާއި ގޭގެއާއި އެހެނިހެން ގޮތްގޮތުން ހިންގާ ޓިއުޝަން ކްލާސްތަކާއި ގުރުއާން ކްލާސްތަކާއި އެހެނިހެން ތައުލީމުދޭ ކްލާސްތަކުގައި ކިޔަވައިދިނުން ހުއްޓާލުމަށް އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރަށް ލިބިދޭ ބާރުގެ ދަށުން ކަމާބެހޭ އެންމެހާ އިދާރާތަކަށް އަންގާފައިވާ ކަމަށެވެ.

ސްކޫލުތަކާއެކު ރާއްޖޭގެ ކޮލެޖު ޔުނިވާސިޓީތަކާއި ތަމްރީނުދޭ ތަންތައް ބަންދުކުރަންވެސް ވަނީ މިދިޔަ ހޮނިހިރު ދުވަހު އަންގާފައެވެ.

ދެ ހަފުތާއަށް ސްކޫލުތަކާއި ކޮލެޖު ޔުނިވާސިޓީތައް ބަންދުކޮށްފައިވާއިރު އެ ފަރާތްތަކުން އަންނަނީ އޮންލައިންކޮށް ކްލާސްތައް ނަގައިދޭނެ ގޮތްތަކެއް ކަނޑައަޅައި އެކަން ތަންފީޒު ކުރަމުންނެވެ. އެގޮތުން މިހާރުވެސް ބައެއް ކޮލެޖުތަކުން ވަނީ އޮންލައިންކޮށް ކިޔަވާދޭން ފަށައިފައެވެ.

ރާއްޖޭގައި މިހާތަނަށް 13 ފަރާތަކަށް ވަނީ ކޮވިޑް 19 ޖެހިފައެވެ.