ކޮވިޑް 19

ރާއްޖެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ނުވަ މީހުންނަކީ އިޓަލީ މީހުން: ސަރުކާރު

އަލީ ޔާމިން

ރާއްޖެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ނުވަ މީހުންނަކީ އިޓަލީ މީހުން ކަމަށް ސަރުކާރުން ބުނެފިއެވެ.

ކޮވިޑް 19 އާއި ގުޅިގެން، މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ރާއްޖެއިން ކޮވިޑް 19އަށް ޕޮޒިޓިވް ވި ގިނަ މީހުންނަކީ އިޓަލީގެ މީހުން ކަމަށެވެ.

"ރާއްޖެއިން ކޮވިޑް 19އަށް ޕޮޒިޓިވް ވެފައިވާ ފަރާތްތަކުގެ ތެރޭގައި މި ހިމެނެނީ އިޓަލީގެ ނުވަ ފަރާތެއް، ތުރުކީ ވިލާތުގެ އެއް ފަރާތެއް، ދެކުނު އެފްރިކާގެ އެއް ފަރާތެއް އަދި ޖަރުމަނު ވިލާތުގެ އެއްފަރާތުގެ އިތުރުން އިނގިރޭސިވިލާތުގެ އެއް ފަރާތެއް" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ރާއްޖެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރޭގައި ހިމެނެނީ ހަ ފިރިހެނުންނާއި ހަތް އަންހެނުން ކަމަށެވެ.

ކޮވިޑް 19 އަކީ މުޅި ދުނިޔެއަށް ފެތުރޭނެ ބަލިމަޑުކަމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ކަނޑައަޅައިފައިވާއިރު، ރާއްޖޭގައިވެސް މިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.