މިންހާ ފާއިޒް ރަޝާދު
ކޮވިޑް19ގެ އަލާމާތްތައް ނުފެނި ގައިންގަޔަށް އެބަލި ނާރާނެ ކަމަށް ޑޮކްޓަރުން ބުނެފައިވަނިކޮށް، އެއްވެސް އަލާމާތެއް ނުފެނި ވެސް ގިނަ ބަޔަކަށް ބަލި ޖެހޭކަން ހާމަވެއްޖެއެވެ.
އެމެރިކާގެ ސްޓޭޓެއް ކަމަށްވާ މަސަޗޫސެޓްސްގައި ކުއްލިއަކަށް ކޮވިޑް19 އަށް ޕޮޒިޓިވް މީހުން ގިނަވުމާގުޅިގެން އެކަން ޔަގީން ކުރެވިފައިވާ ކަމަށް އެ ގައުމުން މިއަދު ވަނީ ބުނެފައެވެ. އެގޮތުން އެ ސްޓޭޓްގައި ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 82 މީހަކީ އެއްވެސް ވަރަކަށް ބަލީގެ އަލާމާތްތައް ނެތް މީހުން ކަމުގައި އެމެރިކާއިން ބުނެއެވެ.
މިދިޔަ ދުވަސްތަކުގައި ބަލީގެ އަލާމާތްތައް ނެތި ބަލި ފެތުރުން (އެސިމްޓޮމެޓިކް ޓްރާންސިޝަން) އެއީ ނާދިރު ކަމެއްގެ ގޮތުގައި ގިނަ ޑޮކްޓަރުން ބުނެފައިވާތީ، އެކަން އޮތީ އާންމު ގަބޫލުކުރުމަކަށް ވެފަ އެވެ. އަދި ބަލީގެ އަލާމާތްތައް ނުފެނި، ބަލި އެރުމުގެ ފުރުސަތު ވަރަށް ވެސް ކުޑަ ކަމަށް ބުނެ މީހުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ވެސް ގައުމުތަކުން ކޮށްފައި ވެއެވެ.
މާޗް އެކެއްގައި އޭބީސީ ނިޔުސްއަށް ދިން އިންޓަވިއުއެއްގައި އެމެރިކާގެ ހެލްތު ސެކްރެޓަރީ އެންޑް ހިއުމަން ސާވިސް، އެލެކްސް އަޒާރުވެސް ވަނީ އެސިމްޓޮމެޓިކް ކޮށް (އަލާމާތްތައް ނުފެނި) ކޮވިޑް19 ފެތުރުމުގެ ފުރުސަތު ކުޑަކަމަށް ވިދާޅުވެފަ އެވެ.
"ބަލަން ޖެހެނީ އަލާމާތްތައް ފެންނަ މީހުނަށް. މިކަން ބަރޯސާ ވަނީ އެމީހުންގެ އުޅުމުގެ މައްޗަށް" އެލެކްސް ވިދާޅުވިއެވެ.
މުޅި ދުނިޔޭގައި ކޮވިޑް19 ފެތުރި ދޮޅުލައްކަޔަށްވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވް ވެފައި ވާއިރު ބަލީގެ އަލާމާތްތައް ހުންނަ މީހުން އެކަހެރި ވުމަށް ނުވަތަ ގޭގައި ތިބުމަށް ގައުމުތަކުން ދަނީ ވަނީ އިލްތިމާސްކޮށްފަ އެވެ.
ބެލްޖިއަމް އާއި ނެދަލޭންޑުން މިދިޔަ ހަފުތާގައި ހެދި ދިރާސާއިން ދައްކާ ގޮތުގައި ވެސް ބަލީގެ އަލާމާތްތައް ނުފެނި ގައިން ގަޔަށް މި ބަލި ފެތުރެއެވެ. އެދިރާސާގައި ވަނީ ސިންގަޕޫރު، ތިއަންޖިން އަދި ޗައިނާގެ އެކި ފަރާތްތަކުގެ ސާމްޕަލް ބޭނުންކޮށްފައެވެ. އެ ދިރާސާއިން އެނގޭގޮތުގައި ސިންގަޕޫރުގެ 48 ޕަސެންޓު މީހުނާއި ޗައިނާގެ 62 ޕަސެންޓު މީހުނަށް ބަލި ޖެހުނީ ބަލީގެ އެއްވެސް އަލާމާތެއް ނުފެނިއެވެ.
އެމެރިކާގެ ކޮރޯނާވައިރަސްގެ ރެސްޕޮންސުގެ ކޯޑިނޭޓަރު ޑރ. ޑެބޯރާ ބްރިކްސް އެސިމްޓޮމެޓިކް ޓްރާންމިޝަންއާ ދޭތެރޭ އެމީހުން ދެކޭގޮތް ވަނީ ހޮނިހިރު ދުވަހު ވައިޓް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ވިދާޅުވެފައެވެ.
"ބޮޑަށް ބެލެވެނީ އުމުރުން 20 އަހަރުން ދަށުގެ ކުދީންގެ ގައިންހެން ބަލި ހުންނަ އިރު އަލާމާތްތައް މި ނުފެންނަނީ. އަދި އެމުރު ފުރައިގެ ކުދީންގެ ގައިން ބަލި ހުރިކަން ނޭނގި އެހެން މީހުންގެ ގަޔަށް ފެތުރޭ ކަމަށް ބެލެވެނީ." ޑރ. ޑެބޯރާ ވިދާޅުވިއެވެ.
ޑރ. ޑެބޯރާ ވިދާޅުވި ގޮތުގައި ބަލީގެ އަލާމާތް ނުފެނި ބަލި ހުރި މީހުނާއި ބަލީގެ އަލާމާތް ނުފެނި އެހެން މީހުނަށް ބަލި ފެތުރުމުގެ ފުރުސަތު އޮތް މީހުން ދެނެގަނެވޭނީ ވަރަށް ރަނގަޅަށް ދިރާސާ ކުރެވިގެންނެވެ. އުމުރުން ހަގު މީހުންގެ ހަށިގަނޑުގައި ބަލި ހުންނަ އިރު އެމީހުން ސީރިއަސް ނުވި ނަމަވެސް، އެމީހުންގެ ފަރާތުން ބަލި ޖެހޭ މީހާ ސީރިއަސް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑރ. ޑެބޯރާ ވިދާޅުވިއެވެ.
"އެހެންވެ މި ބުނަނީ އަމިއްލަ ފަރުދީ ޒިންމާ ނަގާށޭ. ގޭގައި ތިބޭށޭ." ޑރ. ޑެބޯރާ ވިދާޅުވިއެވެ.
ރާއްޖޭގެ ޑޮކްޓަރުންވެސް އަންނަނީ މީހުން އެއްވާ ތަންތަނަށް ނުގޮސް ޒަރޫރީ ބޭނުމުގައި ނޫނީ ގޭގައި ތިބުމަށް ރައްޔިތުންނަށް އިލްތިމާސް ކުރަމުންނެވެ.