ކޮވިޑް 19 އާ ގުޅިގެން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލާތު އިއުލާން ކޮށްފައިވާތީ މިދުވަސްކޮޅު އަލަށް ވޯކްވިސާއަށް އެދޭއިރު މެޑިކަލް ރިޕޯޓް ހުށަހަޅަން ނުޖެހޭ ގޮތަށް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.
އިމިގްރޭޝަނުން ރޭ ކުރި އިއުލާންއެއްގައި ބުނެފައިވަނީ، އެގޮތަށް ހަމަޖެއްސީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލާތު އިއުލާން ކޮށްފައި ވުމުގެ އިތުރުން ރިޒޯޓްތަކުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރުން މެދުކަނޑާލާފައިވާތީ ކަމަށެވެ. އަދި އެކަން ދެމި އޮންނާނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލާތުގެ މުއްދަތު ތެރޭގައި ކަމަށްވެސް ބުނެފައި ވެއެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ އެ މުއްދަތުގެ ތެރޭގައި މެޑިކަލް ރިޕޯޓާ ނުލައި އަލަށް ވޯކް ވިސާއަށް އެދި ހުށަހަޅާ ބިދޭސީންނަށް ވޯކް ވިސާ ދޫކުރެވޭނީ ތިން މަސްދުވަހުގެ މުއްދަތަށް ކަމަށެވެ.
ކޮވިޑް 19 އާ ގުޅިގެން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލާތު އިއުލާން ކޮށްފައިވާއިރު، މިހާތަނަށް ރާއްޖެއިން 13 މީހަކު ކޮރޯނާއަށް ވަނީ ޕޮޒިޓިވް ވެފައެވެ.