ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ވަނީ ދުނިޔޭގައި މިފަހަކަށް އައިސް ފެތުރެމުން މިދާ ކޮވިޑް19 އަކީ "ޕެންޑަމިކް" އެއްގެ ގޮތުގައި ކަނޑައަޅާފައެވެ.
ކޮވިޑް19ގެ ސަބަބުން ފިލްމު އިންޑަސްޓްރީގެ ވެސް ގިނަ އިވެންޓުތަކާއި، އެވޯޑު ހަފުލާތަކާއި، އިންޓަވިއުތަކާއި އަދި ޝޫޓިންތައް ވެސް ވަނީ ކެންސަލްކޮށް މަޑުޖައްސާލައިފައެވެ.
މިބަލިން ރައްކާތެރިވުމަށް ހޭލުންތެރިވުމުގެ ގޮތުން ޑަބްލިޔުއެޗްއޯއިން ވަނީ "ސޭފް ހޭންޑްސް" ޗެލެންޖެއް ފަށާފައެވެ. މި ޗެލެންޖުގައި ޑަބްލިޔުއެޗްއޯއިން އެދެނީ ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ރަނގަޅަށް އަތް ސާފުކޮށް ދޮންނަ ވީޑިއޯއެއް ހިއްސާކުރުމަށެވެ.
މި ކެމްޕެއިން ގިނަ ބަޔަކަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޮސް އަދަނޮމް ވަނީ، ބައެއް ތަރިން "ސޭފް ހޭންޑްސް" ޗެލެންޖަށް ނޮމިނޭޓް ކުރައްވާފައެވެ.
ޓެޑްރޮސް ނޮމިނޭޓް ކުރެއްވި ތަރިންގެ ތެރޭގައި، ހޮލީވުޑް ބަތަލު އާނޮލްޑް، ބޮލީވުޑް ތަރިން ޕްރިޔަންކާ ޗޯޕްރާ (ޕީސީ) އަދި ދީޕިކާ ޕަޑުކޯން ހިމެނެއެވެ. ބެލެވޭ ގޮތުގައި ޓެޑްރޮސްގެ ވީޑިއޯގައި ނޮމިނޭޓް ކުރެއްވީ ގިނަ ފޭނުން އަދި ފޮލޯވަރުން ތިބޭ ތަރިންނެވެ. ވީޑިއޯގެ މަގުސަދަކީ ވީހާވެސް ގިނަ ބަޔަކަށް އެ މެސެޖު ފޯރުކޮށްދީ ސާފުތާހިރުކަމަށް ބޮޑަށް އަހުލުވެރިކުރުމެވެ.
ކޮވިޑް19 ދުނިޔޭގެ 167519 މީހުނަށް ޖެހިފައިވާއިރު އޭގެ ތެރެއިން 6455 މީހުން ވަނީ މަރުވެފައެވެ. 76590 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.
މިބަލިން ރައްކާތެރިވުމަށް ސާފުތާހިރުކަން އިސްކޮށް ގިނަ ވަގުތު ގޭގައި އުޅުމަށް ސިއްހީ މާހިރުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އެކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ބޮޑެތި ކެމްޕޭނުތައް އެކި ފެންވަރުގައި އަންނަނީ ހިންގަމުންނެވެ.