އިޖުތީމާއީ އަދި އިގުތިސޯދީ ލޮޅުންތަކުން އަރައިގަތުމަށް ސާކު ގައުމުތައް ގުޅިގެން ސިޔާސަތެއް އެކުލަވައިލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.
ރައީސް ސޯލިހު މި ކަމަށް ގޮވާލައްވާފައި ވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީގެ އިސްނެންގެވުމަށް މިހާރު ކުރިޔަށްދާ، ސާކް ގައުމުތަކުގެ ވީޑިއޯ ޓެލެކޮންފަރެންސްގައި ދިވެހިރާއްޖޭގެ ފަރާތުން ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން ސާކް ގައުމުތަކުން މިފަދަ ކަންކަމުން އަރައިގަތުމަށް ސަރަހައްދީ ސްޓްރެޓަޖީއެއް އެކުލަވާލަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ސާކުގެ ގައުމުތައް ގުޅިގެން އިޖުތީމާއީ އަދި އިގުތިސޯދީ ލޮޅުންތަކުން އަރައިގަތުމަށް ވަކި ސިޔާސަތެއް އެކުލަވާލުން މުހިއްމުކަން ރައީސް ފާހަގަކުރައްވާފައިވަނީ ސާކް ގައުމުތަކުން އެކުލަވާލާ ސަރަހައްދީ ސްޓްރެޓަޖީގައި އެކުލަވާލެވިދާނެ ކަންކަމުގެ ތެރެއިންނެވެ.
އެގޮތުން މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ރޯގާގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް މިހާރުވެސް ލޮޅުން އަރާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރާ ޗައިނާ އަދި ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރާ އިޓަލީން ރާއްޖެއަށް ފަތުރުވެރިން އައުން ވަގުތީ ގޮތުން ހުއްޓުވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިއަހަރުގެ ފެބްރުއަރީ މަހު ފެށިގެން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު މަދުވަމުން އަންނަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން ރާއްޖެއަށް "ފޮރިން ކަރަންސީ"ގެ ޝޯޓެޖެން ކުރިމަތިވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖެއަކީ އިމްޕޯޓު މުދަލަށް ބަރޯސާވާ ގައުމަކަށް ވުމުން މިކަމުގެ ނޭދެވޭ އަސަރު ކުރިއަށް އޮތްތާނގައި ރާއްޖެއަށް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ކޮވިޑް 19 އިން ރައްކާތެރިވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށްވެސް އަސަރު ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މިއަހަރު ތެރޭ ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިން މިހާރު ލަފާކުރެވޭ އަދަދަށް މަދުވެއްޖެ ނަމަ 135.9 މިލިއަން ޑޮލަރާއި 446.6 މިލިއަން ޑޮލަރުގެ ގެއްލުމެއް ރާއްޖޭގެ އިގުތިސާދަށް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިފަދަ ކަންކަމުން އަރައިގަނެވޭނީ ހުރިހާ ގައުމަކުން އެކި މަސައްކަތްކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ސާކުގެ ގައުމުތަކަކީ ދަތިކަމެއް ދިމާވާ ވަގުތު ހުރިހާ ގައުމެއް ގުޅިގެން އެކަމުން އަރައިގަތުމަށް މަސައްކަތް ކުރާ ގައުމުތަކެއްކަން ފާހަގަކުރައްވައިފައެވެ. އަދި 2003 ވަނަ އަހަރު ދުނިޔޭގައި ސާސް ފެތުރެމުން ދިޔަ އިރު އެކަމުން އަރައިގަތުމަށް ސާކުގެ ގައުމުތަކުން އެކުގައި ކުރި މަސައްކަތްތައް ރައީސް ފާހަގަކުރެއްވިއެވެ.