އިބްރާހިމް ޒަކީ
ކޮވިޑް 19 އާއި ގުޅިގެން، ބަންގްލަދޭޝުން ރާއްޖެއަށް މީހުން އައުމަށް ލުޔެއްދީ، އެ ގައުމުން ރާއްޖެ އަންނަ ދިވެހިން ގޭގައި އެކަހެރި ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.
ކޮވިޑް 19ގެ ރާއްޖޭގެ މިހާރުގެ ހާލަތާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ، ބަންގްލަދޭޝުން އަންނަ ދިވެހިން ކަރަންޓީނުކުރުމުގެ ބަދަލުގައި މިހާރު ތިބޭ ގޮތަށް ހަމަޖައްސާފައިވަނީ ސެލްފް އައިސޮލޭޝަނަށް ގޭގައި ކަމަށެވެ.
މީގެ ކުރިން މިމަހު 10އިން ފެށިގެން ދިވެހިން ފިޔަވައި ބަންގްލާދޭޝުން ރާއްޖެއަށް މީހުން އައުން ވަނީ މަނާކޮށްފައެވެ. ނަމަވެސް ބަނގްލާދޭޝުން އަންނަ ދިވެހިން ވެސް 14 ދުވަސް ވަންދެން ތިބެން ޖެހޭ ގޮތަށް ހަމަޖައްސާފައި އޮތީ ކަރަންޓީން ފެސިލިޓީގައެވެ.
ކޮވިޑް 19 ބަންގްލަދޭޝްގައި ވެސް ބާރަށް ފެތުރެމުންދާއިރު، އެ ގައުމުގައި މިހާތަނަށް ފަސް މީހަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ. ނަމަވެސް މިއަދާ ހަމައަށް ރާއްޖޭން ކޮވިޑް 19އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 13 އަށް އަރައިފައެވެ.
މަބްރޫކު ވިދާޅުވީ ރާއްޖޭން ކޮވިޑް 19 އަަށް މިހާތަނަށް ޕޮޒިޓިވް ވެފައިވާ އެންމެންނަކީ ވެސް ބިދޭސީން ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމުތަކަށް ނިސްބަތްވާ ބައެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.