ކުއްލި ޚަބަރު

ކޮވިޑް 19 އިން ރައްކާތެރިވުމަށް ސާކުގެ ހުރިހާ ގައުމެއް ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ސޯލިހު ގޮވާލައްވައިފި

މަރިޔަމް ޝަހުދާ

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް 19 އިން ރައްކާތެރިވުމަށް ސާކުގެ ހުރިހާ ގައުމެއް ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.

ރައީސް ސޯލިހު މި ކަމަށް ގޮވާލައްވާފައި ވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީގެ އިސްނެންގެވުމަށް މިހާރު ކުރިޔަށް ދާ، ސާކް ގައުމު ތަކުގެ ވީޑިއޯ ޓެލެކޮންފަރެންސްގައި ދިވެހިރާއްޖޭގެ ފަރާތުން ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ މިފަދަ ނުރައްކާތެރި ވައިރަސް އަކުން އެއްވެސް ގައުމަކަށް އެކަނި ސަލާމަތްކަން ނުހޯދޭނެ ކަމަށެވެ. އަދި މިކަމުން އަރައިގަނެވޭނީ ހުރިހާ ގައުމުތަކެއް އެކީގައި މަސައްކަތް ކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް 19އިން ރައްކާތެރިވުމަށް ސަރަހައްދީ ފެންވަރުގައި ސިޔާސަތެއް އެކުލަވާލަން ޖެހޭ ކަމަށް އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދަރު މޯދީ ވިދާޅުވި ވިދާޅުވުމަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށެވެ. އެފަދަ ސިޔާސަތެއް އެކުލަވާލަން ޖެހޭނި މައިގަނޑު ތިން ކަމަކަށް ބަލައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ސާކްގެ ހުރިހާ ގައުމުތަކެއްގެ ހެލްތު އިމެޖެންސީ އޭޖެންސީތަކުގެ މެދުގައި މިހާރަށްވުރެ ގާތް ގުޅުމެއް އުފައްދައި މި ވައިރަހާ ގުޅިގެން އެއް ގައުމަށް ލިބޭ މައުލޫމާތު އަނެއް ގައުމާ ހިއްސާ ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުން މުހިއްމު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޮވިޑް 19 އިން ރައްކާތެރިވުމަށް ސަރަހައްދީ ފެންވަރުގައި މަސައްކަތް ކުރެވޭނެ ސިޔާސަތެއް އެކުލަވާލައި، މިކަމުގެ ސަބަބުން ކުރިމަތިވާނެ ގެއްލުމުން އަރައިގަތުމަށް ދިގުމުއްދަތުގެ ސިޔާސަތެއް އޮންނަން ޖެހޭ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

މި ބަލީގެ ސަބަބުން މިހާރުވެސް ރާއްޖޭގެ އިގްތިސާދަށް އަސަރުކުރަމުންދާ ކަމަށާއި، މިހާރު ކަން ހިނގަމުންދާ ފަދައިން ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު މަދުވާނަމަ ރާއްޖޭގެ އިޖުތިސާދަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާއި މި ސަރަހައްދުގެ އެކި ގައުމުތަކުގެ ކުންފުނިތަކާ ގުޅިފައިވުމުން މި ކަމުގެ ނޭދެވޭ އަސަރު ސަރަހައްދުގެ އެހެން ގައުމުތަކަށް ވެސް ކުރާނެކަން ރައީސް ސޯލިހުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.