ރާއްޖޭގައި މިހާރު ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން ހެލްތު ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފާގެ މަތިން ކުރިޔަށް އޮތް ދެ ހަފުތާއަށް ޔޫތު މިނިސްޓްރީގެ ބެލުމުގެދަށުގައިވާ ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރަން ނިންމާފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
މަހުލޫފް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. މިނިސްޓަރު މަހުލޫފް މިހެން ވިދާޅުވެފައިވާއިރު ޔޫތުމިނިސްޓްރީން ވަނީ އެމިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ހުރިހާ ކުޅިވަރު އެސޯސިއޭޝަނެއްގެ ކުޅިވަރު ހަރަކާތްތައް ހުއްޓާލުމަށް އަންގާފައެވެ.
ދުނިއޭގެ ގިނަ ގައުމުތަކެއްގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް19 ރާއްޖެއިން ފެނި އެބައްޔަށް މީހުން ޕޮޒިޓިވް ވަމުން ދިއުމާއި ގުޅިގެން ހެލްތު މިނިސްޓްރީން ވަނީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދަވަހަށް އިއުލާނު ކޮށްފައެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މީހުން އެއްވެ އުޅޭ ހަރަކާތްތަށް ބާއްވާނަމަ އެކަން ހުއްޓުވުމުގެ ބާރު ކަމާއިބެހޭ އިދާރާތްތަކަށް ލިބިގެންވެއެވެ. އަދި މިހާލަތުގައި ސްކޫލުތަކާއި ކޮލެޖް ފަދަ ތަންތަން ބަންދު ކުރަންޖެހެއެވެ. އެޗްޕީއޭ އާއި ހެލްތު މިނިސްޓަރީން ވަނީ މީހުން އެއްވެ އުޅޭ ހަރަކާތްތަށް މިދުވަސްކޮޅު ނުބޭއްވުމަށް އަންގާފައެވެ. އަދި އެއް ރަށުން އަނެއްރަށަށް މިދުވަސްކޮޅު ދަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 13 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި އެންމެންނަކީ ވެސް ބިދޭސީންނެވެ.