އިބްރާހިމް ޒަކީ
ލޯކަލް ކައުންސިލް އިންތިހާބު ވަކި މުއްދަތެއް ނެތި ފަސް ކުރުމުގެ އަމުރަކަށް އެދި ދުސްތޫރީ މައްސަލައެއް އިލެކްޝަންސް ކޮމިޝަނުން ހައިކޯޓަށް ހުށަހަޅައިފި އެވެ
އެ މައްސަލަ ހައިކޯޓަށް ހުށަހެޅުއްވިކަން އިއުލާން ކުރެއްވީ، އެކިއެކީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ލޯކަލްކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓުލުން ލަސް ކުރުމަށް ހުށަހެޅުމާ ބެހޭގޮތުން މައުލޫމާތު ދިނުމަަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފެވެ.
ޝަރީފް ވިދާޅުވީ އިންތިހާބު ފަސްކުރަން އިލެކްޝަން ކޮމިޝަނަށް ގާނޫނުން ލިބިދޭ ބާރުގެ ދަށުން ފަސް ކުރެވޭނެ އެންމެ ބޮޑަށް އިިންތިހާބު މިހާރުވެސް ފަސް ކޮށްފައިވާ ކަމަށެވެ.
ނަމަވެސް ރާއްޖޭގައި މިހާރު އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވުމާއި، ހާލަތު އިތުރަށް ގޯސްވަމުން ދިއުމާއި، އިންތިހާބު މިހާރު ފަސް ކޮށްފައިވާ މުއްދަށް ބަލާއިރު ކޮމިޝަނުގެ މަސައްކަތްތަކާއި، ކެންޑިޑޭޓުންގެ ހައްގުތައް ފުރިހަމަޔަށް ލިބިދިނުމަށް މައްސަލަތަކެއް ދިމާވާތީ ވޯޓުލުން އިތުރަށް ފަސް ކުރުމަށް ސިޔާސީޕާޓީތަކުގެ އެދުމާއެކު ގައުމީ ލަފާދޭ ކޮމިީން ލަފާދީފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވިގޮތުގައި އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ އިންތިހާބު ފަސްކުރަން ކޮމިޝަނަށް ގާނޫނުން ލިބިފައިވާ މުއްދަތަށް އެކަން ކޮށްފައި ވާއިރު ދެން އިތުރަށް ވޯޓުލުން ލަސް ކުރެވޭނީ ކޯޓުން ކަމަށް ވާތީ ކަމަށެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން އޮތް އިންތިހާބު އިލެކްޝަންސް ކޮމިޝަނުން ވަނީ އެމަހުގެ 18 ވަނަ ދުވަހަށް ފަސްކޮށްފައެވެ.
ޝަރީފް ވިދާޅުވީ މިހާރު ނެރެފައި އޮތް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ހަމަވަނީ އޭޕްރީލް 11 ވަނަ ދުވަހަށް ކަމަށްވާއިރު، 18 ގައި އިންތިހާބު ބާއްވަން ކުރަން ޖެހޭ ކަންތައްތަކަށް ހަ ވަރަކަށް ދުވަސް ލިބޭއިރު، އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރެވޭނީ އެމަހުގެ 25ގައި ކަމަށެވެ. އަދި މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު ހަމަވުމުގެ 30 ދުވަސްކުރިން އިންތިހާބު ބާއްވަަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނާއިރު އެ 30 ދުވަހުގެ މުއްދަތު މޭ ތިނަކަށް ހަމަވާނެ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ. އަދި އެ ހަ ދުވަހުގެ މުއްދަތުގައި އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަން ޖެހޭ ކަންތައްތައް ހަމަޖެއްސުމާއި، ކެމްޕެއިން ހަރަކާތްތައް ހިންގުމަށް 28 ދުވަހުގެ މުއްދަތެއް ދޭންވާނެ ކަމަށް ގާނޫނުގައި ބުނާއިރު އެ ތާރީހުގައ އިންތިހާބު ބާއްވާނަމަ ކެންޑިޓޭޓުންގެ ހައްގުތައް ވެސް ފުރިހަމަޔަށް ނުދެވޭ ކަމަށް ޝަރީފު ފާހަގަކުރެއްވިއެވެ.
ޝަރީފް ވިދާޅުވީ، އެ މައްސަލަ ހައިކޯޓުން ނިންމާއިރު މިހާރު ތިއްބެވި ކައުންސިލަރުންގެ މުއްދަތާ ބެހޭ ގޮތުންވެސް ގޮތެއް ނިންމަން ޖެހޭ ކަމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނަކީ ކައުންސިލަރުންގެ ދައުރާ މެދު އެއްޗެއް ބުނެވޭނެ ބައެއް ނޫން ކަމަށާއި އެ ކަމަށް ބަސް ބުނެވެން ތިބި ފަރާތްތަކުން އެ މައްސަލައަށް ތަދައްހުލުވާނެ ކަަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.