ކޮވިޑް 19

ލަންކާ އޮން އެރައިވަލް ވިސާ ދިވެހީންނަށް ވެސް ދޫނުކުރަން ނިންމައިފި

އަލީ ޔާމިން

ކޮވިޑް 19 އަށް އަޅަމުން އަންނަ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޮން އެރައިވަލް ވިސާ ދިވެހީންނަށް ވެސް ދޫނުކުރަން ސްރީ ލަންކާއިން ނިންމައިފިއެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ސްރީ ލަންކާއިން އަޅާފައިވާ ފިޔަވަޅުތަކާއެކު އެ ގައުމުންވަނީ އޮން އެރައިވަލް ވިސާ ދޫކުރާ ސްކީމް އެއްކޮށް ވަގުތީ ގޮތުން މެދުކަނޑާލުމަށް ނިންމާފައެވެ. މިއާއެކު ދިވެހިންނަށްވެސް އެގައުމުން އޮން އެރައިވަސް ވިސާ ނުލިބޭނެއެވެ.

ފޮރިން މިނިސްޓްރީން މީގެ ކުރިން ބުނީ ލަންކާ އާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައި އޮންނަ އެއްބަސްވުމުގެ ދަށުން އެ ގައުމަށް ދިއުމުން ވިސާ ލިބޭ އުސޫލެއް އަސަރެއް ނުކުރާނެ އެވެ. ނަމަވެސް ލަންކާއަށް އެތެރެވެ ވިސާ ނެގޭ ގޮތަށް އެއްބަސްވެފައިވާ ގައުމުތަކުގެ މީހުނަށްވެސް އޮން އެރައިވަލް ވިސާ ދޫކުރުން އެގައުމުން ހުއްޓާލުމާއެކު ދިވެހިންނަށްވެސް ދެން އޮން އެރައިވަލް ވިސާއެއް ނުލިބޭނެއެވެ.

ފޮރިން މިނިސްޓްރީން ވަނީ ލަންކާގައި ދިރިއުޅޭ ދިވެހިން އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގައި ރަޖިސްޓަރީ ކުރުމަށާއި ކޮންމެހެން ބޭރަށް ދާން ޖެހިގެން ނޫނީ މަގުތަކަށް ނުކުމެ ނޫޅުމަށް އެގައުމުގައި ދިރިއުޅޭ ދިވެހިންނަށް އިލްތިމާސްކޮށްފައެވެ.

ލަންކާގައި 15،000 އަށްވުރެ ގިނަ ދިވެހިން ދިރިއުޅެއެވެ. އަދި އެގައުމުން ވަނީ 10 މީހަކު ކޮވިޑް 19އަށް ޕޮޒިޓިވް ވެފައެވެ.

މިކަމާގުޅިގެން ފޮރިން މިނިސްޓްރީން ދެންމެ ނެރުނު ބަޔާނުގައި ބުނީ، މުޅި ދުނިޔޭގައި ކޮވިޑް 19 ހަލުވިކަމާއެކު ފެތުރެމުންދާތީ، ސްރީ ލަންކާ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، 15 މާޗު 2020 ގެ ރޭގަނޑު 23:30 އިން ފެށިގެން އޮން އެރައިވަލް ވިސާ ލިބޭ ހުރިހާ ގައުމަކަށްވެސް މި ހިދުމަތް ވަގުތީގޮތުން ހުއްޓާލެވިފައިވާތީ، އޮފިޝަލް އަދި ޑިޕްލޮމެޓިކް ޕާސްޕޯޓް ގެންގުޅޭ ބޭފުޅުންނާއި، ސްރީލަންކާގެ ރެޒިޑެންޓް ވިސާ އޮންނަ ބޭފުޅުން ފިޔަވައި ހުރިހާ ދިވެހި ރައްޔިތުންނަށްވެސް ސްރީ ލަންކާއަށް ޒިޔާރަތް ކުރުމުގައި އޮންނަ އޮން އެރައިވަލް ވިސާގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑިފައިވާ ކަމަށެވެ.

މިގެ އިތުރުން ސްރީ ލަންކާއަކީ ދިވެހިންގެ ވަރަށް ގިނަ ބަޔަކު ދިރިއުޅޭ އަދި އާންމުކޮށް ދަތުރުކޮށް އުޅޭ ގައުމަކަށްވެފައި، އަދި ހާއްސަކޮށް ސިއްހީ ފަރުވާ ހޯދުމަށް ދިވެހިން އެންމެ ގިނައިން ހިޔާރުކުރާ އެއް ގައުމު ކަމަށް ވާތީ، ކޮންމެހެން ސްރީ ލަންކާއަށް ޒިޔާރަތްކުރަން މަޖުބޫރުވާ ފަރާތްތަކުން އެ ގައުމުގެ އިލެކްޓްރޯނިކް ވިސާ އޮތޯރިޓީގެ ވެބްސައިޓް (www.eta.lk)މެދުވެރިވެ ވިސާ ނަގަން ޖެހޭނެ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

އެވަގުތެއްގައި ދަތުރު ފަށާ ގައުމެއްގެ ހާލަތަށް ބަލާފައި، ހުރިހާ ދަތުރުވެރިންވެސް 14 ދުވަހުގެ ކަރަންޓީންގައި ތިބެން ޖެހުން އެކަށީގެންވާ ކަމަށް ވެސް ވެސް ސްރީ ލަންކާ ސަރުކާރުން އަންގަވާފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިދުވަސްވަރު ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީ ވެސް ބޭނުންތެރިކަމެއް ކަމަށެވެ.