މިންހާ ފާއިޒް ރަޝާދު
ކޮރޯނާވައިރަސް ފުރަތަމަ ފެތުރެންފެށި ގައުމު ކަމަށްވާ ޗައިނާގައި މިބަލި ކޮންޓްރޯލް ކުރެވި 80 ޕަސެންޓް ސިޓީތައް ހުޅުވަން ނިންމާފައިވާ ކަމަށް ރާއްޖޭގައި ހުންނަވާ އެގައުމުގެ ސަފީރު ޒޭންގް ލިޒްހޮންގް ވިދާޅުވެއްޖެއެވެ.
ޗައިނާ ސަފީރު މިހެން ވިދާޅުވީ ކޮންމެ ދުވަހަކު އޭނާ ހިއްސާކުރައްވާ އެގައުމުގެ "ޑެއިލީ އަޕްޑޭޓްސް" ޓުވީޓުގައެވެ.
އެ ޓުވީޓުގައި ވިދާޅުވެފައިވާ ގޮތުގައި މިހާތަނަށް ޗައިނާއިން 80844 މީހުން ބައްޔަށް ޕޮޒިޓިވް ވެފައި ވާއިރު، ބައްޔަށް ޝައްކު ކުރެވޭ 113 މީހުން އަދިވެސް އެބަ ތިއްބެވެ. މަރުވި މީހުންގެ އަދަދަކީ 3199 އެވެ. ބަލިން ފަސޭހަވި މީހުންގެ އަދަދަކީ 66911 އެވެ.
އެގައުމަށް ފަތުރުވެރިންގެ ގޮތުގައި ދިޔަ 16 މީހެއްގެ ގައިން ބަލި ފެނިފައިވާއިރު ވުހާން އިން މިދިޔަ 24 ގަޑިއިރު ތެރޭގައި ބައްޔަށް ޕޮޒިޓިވް ވީ އެންމެ ހަތަރު މީހުނެވެ.
ކޮވިޑް-19 އާ ގުޅިގެން ޗައިނާގެ ވުހާން ސިޓީގައި ހެދި ހުރިހާ ވަގުތީ ހޮސްޕިޓާތައްވެސް މިހާރު ބަންދުކޮށްފައިވާއިރު މިދިޔަ އަންގާރަ ދުވަހު ޗައިނާގެ ރައީސް ޝީ ޖިންޕިން ވެސް ވަނީ ވުހާންއަށް ޒިޔާރަތް ކުރައްވާފައެވެ.
ޗައިނާގައި ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އެޅި ވަރުގަދަ ފިޔަވަޅުތަކުން އެހާ އަވަހަށް އެގައުމުން ބަލި ކޮންޓްރޯލް ކުރެވިފައި ވާއިރު މިހާރު ޔޫރަޕަށް މިބަލީގެ އަސަރު ވަނީ މާބޮޑަށް ކުރަން ފަށާފައެވެ. އިޓަލީގައި ބަލި ކޮންޓްރޯލު ނުވެ މުޅި ގައުމު އެތައް މިލިޔަން މީހުނާއެކު ބަންދު ކުރިއިރު ޗައިނާގެ ޑޮކްޓަރުންގެ ޓީމެއް މިހާރު އަންނަނީ އެގައުމުގައި ހަރަކާތްތެރިވަމުންނެވެ. ކޮވިޑް19ގެ ސަބަބުން ސްޕެއިންވެސް ބަންދުކޮށްފައިވާއިރު ފްރާންސްގެ ބޮޑުބައެއްވެސް ވަނީ ބަންދުކޮށްފައެވެ.
އެމެރިކާގައިވެސް ކޮވިޑް19 ފެތުރެން ފަށާފައިވާއިރު އެގައުމުގައި ބޭނުންވާވަރަށް ޓެސްޓު ކިޓްސް ނެތުންވީ ބޮޑު ގޮންޖެހުމަކަށެވެ. ޗައިނާގެ ވިޔަފާރި ކުންފުނި އަލީބާބާގެ ފައުންޑާ އަދި ބިލިޔަނަރު ޖެކް މާ ވަނީ އެމެރިކާއަށް އެހީވުމަށް ފަސް ލައްކަ ޓެސްޓިން ކިޓާއި އެއް މިލިޔަން މާސްކު ހަދިޔާ ކުރަން ނިންމާފައިވާކަން އިއުލާންކޮށްފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ވަނީ ކޮވިޑް19 އަކީ މުޅި ދުނިޔޭގައި ފެތުރޭނެ ވަބާއެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. މިހާތަނަށް 156،102 މީހަކަށް ބަލިޖެހިފައިވާއިރު 72،624 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ. ބަލީގައި މަރުވި މީހުންގެ އަދަދު 5،819 އަރައެވެ.