ދުނިޔެ

ސްޕެއިންގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ކޮވިޑް 19އަށް ޕޮޒިޓިވް ވެއްޖެ

ހުސެއިން އަލީ

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސާންޗޭޒް ގެ އަނބިކަނބަލުން ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ ކަމަށް ސްޕެއިންގެ ސަރުކާރުން އިއުލާންކޮށްފި އެވެ.

ސްޕެއިންގެ ސަރުކާރުން އިއުލާނުކުރި ގޮތުގައި ބޮޑުވަޒީރު ސާންޗޭޒް އަދި އަނބިކަނބަލުން ބެގޯނިއާ ގޯމެޒްގެ ހާލަތު މިވަގުތު ރަނގަޅެވެ. އަދި އެ ދެކަނބަލުން މިވަގުތު ތިއްބެވީ މެޑްރިޑްގައި ކަމަށާއި، މެޑިކަލް ޓީމުން ދެމުން އަންނަ އިރުޝާދުތަކާއި އެއްގޮތަށް ކަންކުރަމުން ގެންދަވާ ކަމަށެވެ.

ސްޕެއިންގެ މިނިސްޓަ އޮފް އީކުއަލިޓީ އަދި މިނިސްޓަ އޮފް ރީޖަނަލް އެފެއާޒް ވެސް ވަނީ މިދިޔަ ހަފުތާގައި ކޮވިޑް19އަށް ޕޮސިޓިވް ވެފައެވެ. އަދި އެ ދެ ބޭފުޅުންގެ ހާލު ވެސް ރަނގަޅު ކަަމަށް ސްޕެއިންގެ ސަރުކާރުން ބުނެއެވެ. ކެބިނެޓް މެންބަރުންގެ ތެރެއިން ޓެސްޓް ކުރި އިތުރު މެންބަރުން ވަނީ ބައްޔަށް ނެގެޓިވް ވެފއެވެ.

ގޯމެޒް މި ބައްޔަށް ޕޮޒިޓިވް ވެފައިވާކަން ހާމަކޮށްފައިވަނީ ބޮޑުވަޒީރު ސާންޗެޒް ގައުމާއި މުހާތަބުކުރައްވައި ދެ ހަފުތާގެ ކުއްލި ހާލަތު އިއުލާނުކުރެއްވުމަށްފަހު، ސަރުކާރުން މި ވައިރަސް ފެތުރުނަ ނުދިނުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ރައްޔިތުންނާއި ހިއްސާކުރުމަށްފަހުގަ އެވެ.

ގައުމާއި މުހާތަބުކުރެއްވުމުގެ ކުރިން ބޮޑު ވަޒީރު ސާންޗޭޒް ވަނީ ހަތް ގަޑިއިރުގެ ކެބިނެޓް ބައްދަލުވުމެއްވެސް ބާއްވަވައިފަ އެވެ. މި ބައްދަލުވުމުގައި ކޮވިޑް19 އަށް ޕޮޒިޓިވް ވި ދެ މިނިސްޓަރުން ފިޔަވައި އެހެން ހުރިހާ މިނިސްޓަރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ސްޕެއިންގެ ސިއްހީ ވުޒާރާތަކުން މައުލޫމާތު ދޭ ގޮތުގައި، އެ ގައުމުގައި މިހާރު ކޮވިޑް19 އަށް ޕޮޒިޓިވް 5،753 މީހުން އެބަތިއްބެވެ. މީގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ މެޑްރިޑްގައި ތިބި މީހުންނެވެ. ސްޕެއިނުން އެންމެ ފުރަތަމަ ކޮރޯނާވައިރަސް ފެނިފައިވަނީ ޖެނުައަރީ މަހުގެ ފަހުކޮޅުއެވެ.