އިބްރާހިމް ޒަކީ
ކޮވިޑް 19 އާ ގުޅިގެން ފެނުގެ ހަރަދު ބޮޑުވަމުންދާތީ ރައްޔިތުންނަށް ލުޔެއް ދިނުމަށް ކޮންމެ ގޭބިސީއަކަށް އެމްޑަބްލިއުއެސްސީން ހިލޭ ފޯރުކޮށްދޭން ނިންމާފައިވާ އެއްޓަނު ފެނަށް ތިން މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 އަށް ރައްކާތެރިވުމަށް އެންމެ މުހިއްމު ކަމަކީ ސާފުތާހިރު ކަމާއި އަތްދޮވުން ކަމަށްވެފައި އެކަމަށް ގިނަ އަދަދެއްގެ ފެން ހަރަދު ކުރަން ޖެހޭތީ، ގޭބިސީތަކުން ފެނަށް ކުރާ ހަރަދަށް ލުޔެއް ދިނުމުގެ ގޮތުން ކޮންމެ ގޭބިސީއަކަށް އެއްޓަނު ފެން ދިނުމާބެހޭ މައުލުމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ، އެމްޑަބްލިއުއެސްސީން އެކި ރަށްރަށަށް ހިދުމަތް ދެމުން ގެންދާ ކަމަށެވެ. އަދި ތިން ބޭންޑަކުން ފެން ފޯރުކޮށްދެމުން އަންނަ ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ ބޭންޑް އޭ އާއި ބޭންޑް ބީގެ އިތުރުން ބޭންޑް ސީ ކަމަށް ޝާހު ވިދާޅުވިއެވެ.
ޝާހު ވިދާާޅުވީ، އޭގެ ތެރެއިން ބޭންޑް އޭގައި ފެން ދޫކުރަނީ 22 ރުފިޔާއަށް ޓަނެއްގެ ރޭޓުން ކަމަށާއި، ބޭންޑް ބީން ޗާޖްކުރަނީ ޓަނަކަށް 70 ރުފިޔާ ކަމަށެވެ. އަދި ބޭންޑް ސީން ޗާޖު ކުރަނީ 95 ރުފިޔާގެ ރޭޓުން ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ފެން ހިލޭ ދިނުމުގައި ބަލަނީ ބިލަށް އަންނަ ބަދަލަށް ނޫން ކަމަށާއި، ބޭނުންވަނީ ކަސްޓަމަރުންނަށް ބޭނުންވާ ފެން ފޯރުކޮށް ދިނުމަށް ކަމަށެވެ. އަދި ފޯރުކޮށްދޭ ފެން ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން އަންގާ ގޮތުގެމަތިން ބޭނުން ކުރެއްވުމަށް ސަމާލުކަން ދެއްވުމަށްވެސް ޝާހު އެދިވަޑައިގެންނެވިއެވެ.
"އަޅުގަނޑުމެންގެ ހިދުމަތް އެބަދެން ކުޅުދުއްފުށީގައި، އަޅުގަނޑުމެންގެ ހިދުމަތް އެބަދެން މާލެ ވިލިނގިލީގައި، ދުވާފަރު، މާފުށި ތަންތަނުގައި އެހެންކަމުން އެއްޓަނު ފެން އެކި ތަންތަނަށް ޖެހޭނީ އެކި އަގުތަކުގައި. ދެން އޭގެ އިތުރަށް ފެނަކީ އަސާސީ ހިދުމަތެއް ވީމަ ފެން ފޯރުކޮށްދިނުމުގައި ބަލާފަ ހުންނަނީކީ ކޮންމެހެން ފެން ޓަނަކަށް ޖެހޭ އަގަކަށް ނޫން،" ޝާހު ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ، ސަރުކާރުން ޕަބްލިކް ހެލްތު އިމަޖެންސީގެ ގޮތުގައި ކަނޑައަޅާފައިވާ މުއްދަތު ކަމުގައިވާ 12 މާޗުން ފެށިގެން 30 ދުވަހުގެ ނިޔަލަށް ކޮންމެ ކަސްޓަމަރެއްގެ ބިލުން އެއްޓަނު ފެން އުނިކޮށްދެއްވާނެ ކަމަށެވެ.