އެމްޑަބްލިއުއެސްސީ

44033 ކަސްޓަމަރުންނަށް 1 ޓަނު ފެން ފޯރުކޮށްދޭނީ ބިލުން ކަނޑާގޮތަށް: ޝާހު

އިބްރާހިމް ޒަކީ

އެމްޑަބްލިއުއެސްސީގެ 44033 ޑޮމެސްޓިކް ކަސްޓަމަރުންނަށް އެއްޓަނު ފެން ދޫކުރާނީ ބިލުން ކަނޑާ ގޮތަށް ކަަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

އެމްޑަބްއެސްސީން ކޮންމެ ގޭބިސީއަކަށް އެއްޓަނު ފެން ދޫކުރުމާބެހޭ ތަފްސީލު ދެއްވުމަށް އެ ކުންފުނީގައި މިއަދު ބޭއްްވި ނިއުސްކޮންފަރެންސްގައި މައުލޫމާތު ދެއްވަމުން ޝާހު ވިދާޅުވީ އެކުންފުނިން ގޭބިސީތަކަށް ހިލޭ ފެންދޭން ނިންމީ ނުރައްކާތެރި ކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އިން ސަލާމަތްކަން ހޯދުމަށް އެންމެ މުހިއްމު ކަމަކީ ސާފުތާހިރުކަމާއި އަތްދޮވުން ކަމަށްވެފައި، އެކަމަށް ގިނަ އަދަދެއްގެ ފެން ބޭނުން ކުރަން ޖެހުމުގެ ސަބަބުން ކަސްޓަމަރުންގެ ފެންބިލު ބޮޑުވުމުގެ މައްސަލައަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.

ޝާހު ވިދާޅުވީ އެކުންފުނީގެ ފެނުގެ ހިދުމަތް ދޭ ކޮންމެ ރަށަކުންވެސް އެލުއި ލިބިގެންދާނެ ކަމަށެވެ.

"މީގެ ބޭނުމަކީ ސަރުކާރުގެ އިދާރާތަކުންނާއި ކަމާބެހޭ ފަރާތްތަކުން އެންމެ ގިނައިން ވިދާޅުވާ އެއް ވާހަކައަކީ ސާފުތާހިރުކަމާއި އަތްދޮ ވުމަށް، ދެން ސާފުތާހިރުކަމާއި ގިނައިން އަތް ދޮވުމަށް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް ގިނައިން ފެން ބޭނުން ކުރަން ޖެހޭނެ. އެހެންކަމުން އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ފެންބިލް ބޮޑުވުމުގެ ކަންބޮޑުވުންތަކެއް ހުރިކަމުގެ މައުލޫމާތު ލިބޭ، އެގޮތުން އެ ކަންބޮޑުވުމަށް ލުޔެއް ދިނުމަށް އަޅުގނޑުމެން މި ގަސްތުކުރީ ކޮންމެ ޑޮމެސްޓިކް ކަސްޓަމަރަކަށްވެސް އެއްޓަނުފެން ހިލޭ ލިބޭ ގޮތް ހަމަޖައްސަން،" ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ، ސަރުކާރުން ޕަބްލިކް ހެލްތު އަމަޖެންސީގެ ގޮތުގައި ކަނޑައަޅާފައިވާ މުއްދަތުކަމުގައިވާ 12 މާޗުން ފެށިގެން 30 ދުވަހުގެ ނިޔަލަށް ކޮންމެ ކަސްޓަމަރެއްގެ ބިލުން އެއްޓަނު ފެން އުނިކޮށްދެއްވާނެ ކަމަށެވެ. އަދި އެއްޓަނުފެން އުނިކުރާތަން ފެންބިލުން ފެންނާނެ ކަމަށާއި، ދެން ބިލްކުރާނީ، އެއަށްވުރެ އިތުރަށް ބޭނުންކުރާ ފެނަށް ކަމަށްވެސް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ، އެ މުއްދަތުގައި ކޮންމެ ގޭބިސީއަަކަށް އެއްޓަނު ފެން ފޯރުކޮށްދޭއިރު ދުވާލެއްގެ މައްޗަށް ޖެހޭނީ 33 ލީޓަރު ފެން ކަމަށެވެ. އޭގެ މާނައަކީ ފަސްލީޓަރުގެ ހަފުޅިފެން ކަމަށާއި، 10 މީހުން ހިމެނޭ ގޭބިސީއެއްގައި ހިމެނޭ ކޮންމެ މީހަކަށް ހަ ފަހަރު އެ ފެނުން އަތް ދޮވެވޭނެ ކަމަށްވެސް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ މިދުވަސްކޮޅު ފެނަށް ބަލައިގެން އުޅުމަށް އެދިވަޑައިގަންނަވާ ކަމަށާއި، ފެން އިގުތިސާދުކޮށް ފެން އިސްރާފު ނުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.