އަނެއްކާވެސް އިތުރު މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެ ރާއްޖޭގައި ބަލި ޖެހުނު މީހުންގެ އަދަދު 11 އަށް އަރައިފި އެވެ.
އެޗްޕީއޭއިން މިކަން އާންމުކޮށްފައި ވަނީ މީގެ އިރުކޮޅެއް ކުރިން ކުރި ޓުވީޓެއްގައެވެ.
އެޗްޕީއޭ އިން މައުލޫމާތު ދޭ ގޮތުގައި ކޮވިޑް 19 އަށް ޕޮސިޓިވް ވެފައި ވަނީ އަނަންތަރާ ދިގު ރިސޯޓުން ޓެސްޓު ކުރި ބިދޭސީއެކެވެ. މިއަދު ކޮވިޑް 19އަށް ޕޮސިޓިވްވި މީހާއަކީ ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީގައި ބަހައްޓާފައި ހުރި މީހެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެމީހާ އަކީ އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުން މިދިޔަ ހުކުރު ދުވަހު އައިސޮލޭޓްކޮށް، ސާމްޕަލް ނަގައި ޓެސްޓު ކުރި މީހެކެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް 19އަށް ޕޮސިޓިވްވެފައިވާ ދެމީހުން ފެނިފައިވަނީ މިމަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައެވެ. އޭގެފަހުން މިހާތަނަށް ޖުމުލަ 11 މީހަކު ރާއްޖެއިން މި ބައްޔަށް ޕޮސިޓިވް ވެފައި ވެއެވެ. ނަމަވެސް މިހާތަނަށް މި ބައްޔަށް އެއްވެސް ދިވެއްސަކު ޕޮސިޓިވްވެފައެއް ނުވެއެވެ.