ކޮވިޑް 19

ކޮވިޑް 19 އަށް ޓްރަމްޕް ޓެސްޓު ކުރައްވައިފި، ނަތީޖާ ނެގަޓިވް

މިންހާ ފާއިޒް ރަޝާދު

އެމެރިކާގެ ރައީސް ޑޮލަންޑް ޓްރަމްޕް ކޮރޯނާވައިރަހަށް ޓެސްޓު ކުރައްވައިފި ކަމަށާއި ނަތީޖާ ނެގެޓިވް ކަމަށް ވައިޓް ހައުސް އިން އިއުލާންކޮށްފި އެވެ.

އެކަން ހާމަކުރީ އިއްޔެ ވައިޓް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެބައްދަލުވުމުގައި ވައިޓް ހައުސްގެ ޕްރެސް ސެކްރަޓަރީ ސްޓެފަނީ ގްރިޝަން ވިދާޅުވީ ރައީސް ޓްރަމްޕް ކޮވިޑް19އަށް ޕޮޒިޓިވް ވި ދެފަރާތަކާ ބައްދަލުވެވަޑައިގެންފައި ވާތީ ޓެސްޓު ކުރެއްވީ ހުކުރު ދުވަހު ކަމަށެވެ. އަދި އިއްޔެ ނަތީޖާ ލިބިފައިވާ ކަމަށާއި ނަތީޖާ ނެގެޓިވް ކަމަށް ސްޓެފަނީ ވިދާޅުވިއެވެ.

"ރައީސް ވަނީ އެއް ހަފުތާ ކުރިން ބްރެޒިލްގެ ޑެލިގޭޝަނާއެކު ފަރީއްކުޅުވައިފަ. ބްރެޒިލްގެ ރައީސްގެ ޕްރެސް ސެކްރަޓަރީ ކޮވިޑް19 އަށް ޕޮޒިޓިވްވިކަން އެނގުނީ ފަހުން. ނަމަވެސް ރައީސްގެ ހަށިކޮޅުން އެއްވެސް އަލާމާތެއް ނުފެނޭ، އެކަމަކު ވަރަށް ބޮޑަށް ވާހަކަދައްކައިގެން ޓެސްޓު ކުރައްވަން އެއްބަސްވެވަޑައިގަތް." ރައީސް ޓްރަމްޕްގެ އިޒުނަޔާއެކު ދެއްވި ޕްރެސް ސްޓޭޓްމަންޓުގައި ސްޓެފަނީ ވިދާޅުވިއެވެ.

ޓްރަމްޕްވެސް ވަނީ އިއްޔެ ވައިޓް ހައުސްގެ ބްރީފިން ރޫމަށް ވަދެވަޑައިގަތުމުގެ ކުރިން ހުން ޗެކްކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ހަޑިގަނޑުގެ ޓެމްޕެރޭޗަރު ނޯމަލްކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ވައިޓް ހައުސްގެ މެޑިކަލް ޑޮކްޓަރު ހުކުރު ދުވަހު ނެރުއްވި މެމޯގައި ވަނީ ޓްރަމްޕްގެ ހަށިކޮޅުން ކޮވިޑް19ގެ އަލާމާތްތައް ފެނިފައިނުވާތީ ކަރަންޓީން ކުރަން ނުޖެހޭނެ ކަމަށް ބުނެފައެވެ.

އެމެރިކާއިން ކޮވިޑް19 އަށް ޕޮޒިޓިވް 1629 މީހުން ފެނިފައިވާއިރު އޭގެ ތެރެއިން މަރުވި މީހުންގެ އަދަދު 41އަށް ވަނީ އަރާފަ އެވެ.

ކޮވިޑް19 އިތުރަށް ފެތުރުން މަދުކޮށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެގައުމުގައި ވަނީ ސްޓޭޓް އޮފް އިމަޖެންސީ އިއުލާނު ކޮށްފައެވެ.