މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އާއި ގުޅިގެން ޗައިނާ ފިޔަވައި ދުނިޔޭގެ އެހެން ހުރިހާ ގައުމުތަކެއްގައި ހުރި އެޕަލް ސްޓޯތައް ވަގުތީ ގޮތުން ބަންދު ކޮށްފިއެވެ.
މިކަން އިއުލާނުކޮށްފައިވަނީ އެޕަލް ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޓިމް ކުކް ކުރެއްވި ޓުވީޓެއްގަ އެވެ. އެގޮތުން ޗައިނާ އިން ބޭރުގެ ހުރިހާ އެޕަލް ސްޓޯތަކެއް ވަގުތީ ގޮތުން ބަންދު ކުރުމަށް ނިންމާފައިވަނީ މިމަހު 27ގެ ނިޔަލަށް ކަމަށް ކުކް ވިދާޅުވިއެވެ.
ޗައިނާ ފިޔަވައި އެހެން ގައުމުތަކުގެ އެޕަލް ސްޓޯތައް ބަންދު ކުރި ނަމަވެސް އެޕަލްގެ އޮންލައިން ސްޓޯތަކުން ހިދުމަތް ލިބޭނެ ކަމަށް މިކަމާ ގުޅިގެން އެޕަލް ކުންފުނިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. އަދި ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ގެއިން މަސައްކަތް ކުރެވޭނެ ފަރާތްތަކުން ގޭގައި މަސައްކަތް ކުރުމަށް ފުރުސަތު ދިނުމަށް އެމަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެކުންފުނިން ފާހަގަ ބުނެފައި ވެއެވެ.
އެޕަލް ސްޓޯތައް ބަންދު ކުރި ނަމަވެސް އެ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބަރާބަރަށް ދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އެ ކުންފުނީގެ މުވައްޒަފަކަށް ނުވަތަ މުވައްޒަފެއްގެ އާއިލާގެ މީހަކަށް ކޮވިޑް 19 ޖެހިއްޖެ ހާލަތެއްގައި ލީވް ނެގޭނެ އިންތިޒާމް ހަމަޖައްސާފައި ވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން މީގެ ކުރިން ޗައިނާގައި ބަންދުކޮށްފައިވާ އެޕަލް ކުންފުނީގެ ހުރިހާ ސްޓޯތަކެއް އަލުން ހުޅުވާފައިވާ ކަމަށް މި ބަޔާނުގައި ބުނެފައި ވެއެވެ. އަދި ޗައިނާގައި މަސައްކަތް ކުރާ އެޕަލް ކުންފުނީގެ މުވައްޒަފުންގެ މަސައްކަތް ފާހަގަކޮށް، އެ މުވައްޒަފުންނަށް އެ ކުންފުނީގެ ނަމުގައި ޝުކުރު އަދާކޮށްފައި ވެސް ވެއެވެ.