އިބްރާހިމް ޒަކީ
މިހާރު މަގާމުތަކުގައި ތިއްބެވި ކައުންސިލަރުންގެ މުއްދަތު އެއް އަހަރު ދުވަހަށް އިތުރު ކުރުމަށް، ގާނޫނަށް ބަދަލު ގެނެސް ލޯކަލް ކައުންސިލް އިންތިހާބުވެސް އެއް އަހަރަށް ފަސްކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީ ގެ މުގައްރިރު ޝަރީފް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑް 19 ގެ ނުރައްކާތެރިކަން ފެތުރޭ މި ދަނޑިވަޅުގައި، ރައްޔިތުންގެ ސިއްހީ ކަންތައްތަކަށްވުރެ ބޮޑު ކަމެއް ނޯންނާނެ ކަމަށެވެ.
ޝަރީފް މިހެން ވިދާޅުވެފައިވާއިރު އަންނަ އޭޕްރީލް މަހުގެ ހަތަރެއްގައި ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ވަނީ، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާ ގުޅިގެން އެމަހުގެ 18 ވަނަ ދުވަހަށް ފަސްކޮށްފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ ކޮވިޑް 19 ފެތުރެމުންދާތީއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ވޯޓުލާ މަރުކަޒުތަކަށް ފޮނުވަން ޖެހޭ ތަކެތި ޕެކްކޮށް ޑިސްޕެޗްކުރުން ފިޔަވައި އިންތިހާބަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފައިވާ ކަމަށާއި ނަމަވެސް ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިއުލާންކުރުމާ ގުޅިގެން އިންތިހާބުގެ ވޯޓުލުން ފަސްކުރަން ކޮމިޝަނުން ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ އޭޕްރީލް މަހުގެ 18 ވަނަ ދުވަހަކީ ގާނޫނުގައިވާ ގޮތުގެ މަތީން އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާ ގާނޫނީ މުހުލަތުގެ ތެރެއިން ވޯޓުލާ ދުވަސް ފަސްކުރެވޭނެ އެންމެ ފަހު ތާރީހު ކަމަށާއި އެއަށްވުރެ އިތުރަށް ވޯޓުލުމުގެ ތާރީހު ފަސްކުރާކަމުގައިވާ ނަމަ، ފަސްކުރެވޭނީ ކޯޓުގެ އަމުރަކުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށެވެ.