މިންހާ ފާއިޒް ރަޝާދު
މުޅި ދުނިޔެއަށް ފެތުރިގެންދާނެ ވަބާއެއްގެ ގޮތުގައި ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ކަނޑައަޅާފައިވާ ކޮރޯނާވައިރަސް އިން އުފެދިފައިވާ ބަލި ކޮވިޑް19ގެ ހާސްކަމުގައި އެކި ގައުމުތަކުގައި މީހުން އުޅެމުންދާއިރު އިންޑިއާގެ ފިލްމު އުފައްދާ ގިނަ ފަރާތްތަކުން އެމީހުންގެ ފިލްމަށް ކިޔާނެ ނަމެއްގެ ގޮތުގައި "ކޮރޯނާ" ފާސްކުރުމަށް ކިއު ހަދައިފި އެވެ.
އިންޑިއަން ފިލްމު އެންޑް ޓެލެވިޒަން ޕްރޮޑިއުސަރު ކައުންސިލު (އައިއެމްޕީޕީއޭ) ގެ ފަރާތުން މައުލޫމާތު ދިން ބޭފުޅަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ގިނަ ބަޔަކު ވަނީ "ކޮރޯނާ" ނަން ބޭނުންކޮށް ރަޖިސްޓްރީވެސް ކޮށްފައެވެ.
އެގޮތުން އެރޯސް އެންޓަޓެއިންމަންޓުން ވަނީ "ކޮރޯނާ ޕިޔާރު ހޭ" އެނަން މިދިޔަ ހަފުތާގައި ރަޖިސްޓްރީ ކޮށްފައެވެ. ޓައިމްސް އޮފް އިންޑިއާ އިން ވަނީ ފިލްމުގެ ޕްރޮޑިއުސަރު ކްރިޝިކާ ލުއްލާއަށް ގުޅުމުން އެ ފިލްމު އުފައްދާ ވާހަކަވެސް ތެދުކޮށްފައިވާ ކަން ރިޕޯޓް ކޮށްފައެވެ.
"ސްކްރިޕްޓްގެ މަސައްކަތް ކުރިޔަށް ދަނީ. މީ ކޮރޯނާ ވައިރަހާ ގުޅޭ ލަވް ސްޓޯރީއެއް. ސްކްރިޕްޓް ފައިން ޓިއުންކޮށް މާހައުލު ރަނގަޅުވަންދެން މަޑު ކުރާނީ. މިވަގުތު ގިނަ ކަންކަން މިވަނީ ހުއްޓިފައި. ކަންކަން ނޯމަލްވީމަ ފިލްމުގެ ޝޫޓިން ފުލް ގިއަރުގައި ފަށާނަން" ކްރިޝިކާ ޓައިމްސްއަށް ދިން އިންޓަވިއުގައި ބުންޏެވެ.
އައިއެމްޕީޕީއޭ އިން އިތުރަށް ބުނީ "ޑެޑްލީ ކޮރޯނާ" ކިޔާ ފިލްމެއްގެ ނަންވެސް ވަނީ ރަޖިސްޓްރީކޮށްފައި ކަމަށެވެ. އަދި އޭގެ އިތުރުވެސް ގިނަ ބައެއްގެ ރިކުއެސްޓުތައް އަންނަމުންދާކަމަށް އައިއެމްޕީޕީއޭ އާ ހަވާލާދީ މީޑިއާ ރިޕޯޓަތައް ބުންޏެވެ.
ބޮލީވުޑްގެ އެންޓަޓެއިންމަންޓް އިންޑަސްޓްރީއަކީ އަބަދުވެސް މިކަހަލަ ދަނޑިވަޅުތަކުގެ ފުރިހަމަ ބޭނުން ހިފައި މީހުންގެ އިމޯޝަންތަކާ ގުޅުވައިގެން ފިލްމު އުފައްދާ ބަޔެކެވެ.
ކޮވިޑް19ގެ ސަބަބުން ބޮލީވުޑަށްވެސް އަސަރުކޮށްފައިވާއިރު އިންޑިއާގައި މިބައްޔަށް ޕޮޒިޓިވް 84 މީހަކު ފެނި އޭގެ ތެރެއިން ދެމީހަކު ވަނީ މަރުވެފައެވެ.