ކޮވިޑް 19

ކޮވިޑް 19 އަށް ގިނަ ބަޔަކު ޕޮޒިޓިވްވުމާއެކު ސްޕެއިން ލޮކްޑައުނަކަށް، ފްރާންސްގެ ބޮޑުބައެއް ވެސް ބަންދުކޮށްފި

މިންހާ ފާއިޒް ރަޝާދު

ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް 19 އިން ޗައިނާ އަދި ކޮރެއާއަށް ފަހު އެންމެ ބޮޑަށް އަސަރު ކުރީ ޔޫރަޕަށެވެ. އެގޮތުން އެތައް މިލިއަން މީހުނާއެކު އިޓަލީ މިދިޔަ ހަފުތާގައި ވަނީ ބަންދުކޮށްފައެވެ.

ޗައިނާ، އިޓަލީ، އީރާން އަދި ސައުތު ކޮރެއާއަށްފަހު ކޮވިޑް19އިގެ އަސަރު އެންމެ ބޮޑަށް ކުރި ފަސް ވަނަ ގައުމު ކަމަށްވާ ސްޕެއިންގެ ސަރުކާރުންވަނީ އިއްޔެއިން ފެށިގެން އެގައުމުގެ 46 މިލިއަން މީހުނާއެކު މުޅި ގައުމު ބަންދުކުރުމަށް ނިންމާފައެވެ.

ސްޕެއިންގައި 5700 މީހުން ކޮވިޑް19 އަށް ޕޮޒިޓިވްވެ 136 މީހުން ވަނީ މަރުވެފައެވެ. އެގައުމުގައި ފާއިތުވި 24ގަޑިއިރު އެކަނިވެސް ވަނީ 1500 މީހުން ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ފްރާންސްގެ ސަރުކާރުންވަނީ އެގައުމުގެ ހުރިހާ ބޮޑެތި ތަންތަން ބަންދުކުރުމަށް އިއްޔެގައި އަންގާފައެވެ. އޭގެ ތެރޭގައި ދުނިޔޭގެ ހަތް އަޖައިބު ތެރޭގައި ހިމެނޭ އައިފިލް ޓަވަރާއި ފްރާންސްގެ އެންމެ މަގުބޫލު އަދި ގިނަ ބަޔަކު ޒިޔާރަތްކުރާ ލޫވް މިއުޒިއަމާއި ހުރިހާ ކެފޭތަކާއި ރެސްޓޯރަންޓްތައް އަދި ސިނަމާތައް ހިމެނެއެވެ.

ކޮވިޑް19 އަށް ގިނަ ބަޔަކު ޕޮޒިޓިވްގެ އެމެރިކާވެސް ވަނީ އިއްޔެރެއިން ފެށިގެން ސްޓޭޓް އޮފް އިމަޖެންސީގެ ހާލަތު އިއުލާނު ކޮށްފައެވެ. އެމެރިކާގެ ރައީސް ރޮނަލްޑް ޓްރަމްޕް ވެސް ވަނީ ކޮވިޑް19 އަށް ޓެސްޓު ކުރައްވާފައެވެ. އެ ޓެސްޓުގެ ނަތީޖާ އަދި ހާމަކޮށްފައެއް ނުވެއެވެ.

ރަސްމީކޮށް އެނގެން އޮތް ގޮތުގައި އެންމެ ފުރަތަމަ ކޮވިޑް19 ފެތުރެން ފެށީ ޗައިނާގެ ވުހާން ޕްރޮވިންސުގައެވެ. ނަމަވެސް ޗައިނާއިން ވަނީ ކޮރޯނާވައިރަހަކީ އެމެރިކާއިން ޗައިނާއަށް ގެނައި ވައިރަހެއް ކަމަށް ތުހުމަތު ކޮށްފައެވެ.

ކޮވިޑް19 އަށް މިހާތަނަށް ދުނިޔޭގައި 150000 މީހުން ޕޮޒިޓިވްވެފައި ވާއިރު 5600 މީހުން ވަނީ މަރުވެފައެވެ.