ކޮވިޑް19 އިތުރަށް ފެތުރުން ހުއްޓުވުމަށް ނެޓްފްލިކްސް އާއި ޑިޒްނީ އިން އެމީހުން އުފައްދަން ފަށާފައިވާ ޕްރޮޑަކްޝަންތައް ހުއްޓާލައިފިއެވެ.
ދަ ވާޖް ނޫހަށް ދިން އިންޓަވިއުގައި ނެޓްފްލިކްސް އިން ބުނީ އެމެރިކާ އަދި ކެނެޑާގައި އުފައްދަން ފަށާފައިވާ ސީރީޒް ތަކާއި ފިލްމު ޕްރޮޑަކްޝަންތައް ދެ ހަފުތާއަށް ހުއްޓާލާފައިވާ ކަމަށެވެ. އެއީ ސަރުކާރުގެ ފަރާތުން އެޅި ފިޔަވަޅުތަކާއި އަދި ރައްކާތެރިކަމަށްވެސް ސަމާލުކަން ދިނުމަށް ކަމަށް ނެޓްފްލިކްސްއިން ބުނެއެވެ.
ޑިޒްނީ އިން ނެރުނު ބަޔާނެއްގައި ބުނީ އެމީހުންގެ ޕްރޮޑަކްޝަން ހައުސް އަކުން ކޮވިޑް19 އަށް ޕޮޒިޓިވް މީހަކު މިހާތަނަށް ފެނިފައިނުވި ނަމަވެސް، މިވަގުތުގެ ހާލަތަށް ބަލައި ހުރިހާ ކާސްޓުންނާއި ކްރޫންގެ ސަލާމަތާއި ރައްކާތެރިކަމަށް ލައިވް-އެކްޝަން ހުރިހާ ޕްރޮޑަކްޝަން ތަކެއް މަޑުޖައްސާލާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިދަނީ ވަރަށް ގާތުން ހާލަތު މޮނިޓާ ކުރަމުން. އަލުން ޕްރޮޑަކްޝަން ފަށާނީ މާހައުލު ރަނގަޅު ވުމުން، އެންމެ ފީސިބަލް ވީމަ" ޑިޒްނީގެ ބަޔާނުގައި ވެއެވެ.
ޑިޒްނީގެ ޕްރޮޑަކްޝަންތައް ބަންދުކުރިކަމަށް އިއުލާން ކުރުމުން އޭގެ މާނައަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ގިނަ ފިލްމުތަކަކަށް ބުރޫ އަރާނެ ކަމެވެ. އޭގެ ތެރޭގައި "ދަ ލިޓްލް މާމެއިޑް" ގެ ރީމޭކު ވެސް ހިމެނެ އެވެ.
ނެޓްފިލްކްސްގެ ފޭނުންނަށް އޮތީ އެޔަށްވުރެ މާ ހިތާމަވެރި ހަބަރެކެވެ. އެއީ "ސްޓްރޭންޖާ ތިންގްސް"، "ގްރޭސް އެންޑް ފްރޭންކީ" އަދި "ދަ ޕްރޯމް" ގެ ޝޫޓިން ވެސް މެދުކެނޑިގެންދާނެ ކަމުގެ ހަަބަރެވެ.
ޑިޒްނީއިން ވަނީ ހުރިހާ ޑިޒްނީލޭންޑުތަކެއް ވެސް ބަންދުކޮށްފައެވެ. ޑިޒްނީގެ ޗެނަލްތައް ކަމުގައިވާ އީއެސްޕީއެން އާއި ޑިޒްނީ ޓެލެވިޒަންގެ މުވައްޒަފުންގެ ތެރެއިން ގޭގައި މަސައްކަތް ކުރެވޭނެ ހުރިހާ މުވައްޒަފުން ގެއިން މަސައްކަތް ކުރުމަށް ވެސް ވަނީ އަންގާފައެވެ.