ކޮވިޑް 19

ރަށްރަށުގައި ތިބިި މުވައްޒަފުންނަށް ރިސޯޓަށް ދެވޭނެ، ޓޫރިސްޓުން ފުރުވަން އެއާޕޯޓަށްވެސް ދެވެނޭ: އެޗްޕީއޭ

އިބްރާހިމް ޒަކީ

ކޮވިޑް 19 އާ ގުޅިގެން ރިސޯޓުތަކުން ރަށްރަށަށް މީހުން ދިއުމާއި، ރިސޯޓްތަކަށް މީހުން ދިއުން މިއަދުން ފެށިގެން މަނާކޮށްފައި އޮތް ނަމަވެސް އެކި ރަށްރަށުގައި ތިބިި ރިސޯޓްތަކުގެ މުވައްޒަފުންނަށް އެ މުވައްޒިފުން ވަޒީފާ އަދާކުރާ ރިސޯޓަށް އަނބުރާ ދެވޭނެ ކަމަށާއި އަދި ޓޫރިސްޓުން ފުރުވުމަށްޓަކައި އެއާޕޯޓަށް ގެންދިއުމަށްވެސް ދެވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ރިސޯޓުތަކުން ރަށްރަށަށް މީހުން ދިއުމާއި، ރަށްރަށުން ރިސޯޓްތަކަށް މީހުން ދިއުން މިއަދުން ފެށިގެން 14 ދުވަހަށް މަނާ ކުރުމަށްފަހު، އެކަން ތަފްސީލުކޮށްދިނުމަށް އެޗްޕިއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒިފުންނަށް މި މުއްދަތުގެ ތެރޭގައި ވަޒީފާ އަދާ ކުރުމަށް ރިސޯޓަށް ދެވޭނެ ކަމަށެވެ.

ނަމަވެސް އެހެން ދާ މުވައްޒިފުންވެސް ހިމެނޭ ގޮތަށް އެއްވެސް މުވައްޒަފަކަށް މި މުއްދަތުގެ ތެރޭގައި ރިސޯޓުން ފޭބުމުގެ ހުއްދައެއް ނެތް ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

"ނަމަވެސް ފަތުރުވެރިން ފުރަން އެއާޕޯޓަށް ގެންދަން ޖެހޭ ހާލަތުގައި އެކަމަށްދާ މުވައްޒަފުން ފަތުރުވެރިން ފުރުވާލުމަށްފަހު، އަނބުރާ ރިސޯޓަށް އަންނަ ގޮތަށް، މި މުވައްޒިފުން ރިސޯޓުން ފޭބުމުގެ ހުއްދަ އޮތްކަމުގައި ދެންނެވީމެވެ." އެޗްޕީއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެޗްޕީއޭއިން އިތުރަށް ބުނެފައިވަނީ އެ ފަރާތްތައް ދަތުރު ކުރަމުންދާ ގޮތުގެ މައުލޫމާތު ރިސޯތްތަކުން ބަލަހައްޓަން ޖެހޭނެ ކަމަށެވެ

މީގެ އިތުރުން ރިސޯޓްތަކަށް މުދާ އުފުލާ އުޅަނދު ފަހަރުގައި މަސައްކަތް ކުރާ ފަރާތްތަކުން ރިސޯޓަށް މުދާ ފޯރުކޮށްދިނުމަށް ޖެޓީއާ ހިސާބަށް ދެވިދާނެ ކަމަށާއި، ނަމަވެސް އެފަރާތްތައްވެސް ރިސޯޓަށް އެތެރެވެފައި ވާނަމަ މި މުއްދަތުގެ ތެރޭގައި ރިސޯޓުން ފޭބުމުގެ ހުއްދައެއް އެފަރާތްތަކަށް ވެސް ނެތް ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ. އަދި އެއް ރިސޯޓުން އަނެއް ރިސޯޓަށް އެއްވެސް މުވައްޒިފަކަށް، އަދި އެއްވެސް ފަތުރުވެރިޔަކަށް މި މުއްދަތުގެ ތެރޭގައި ނުދެވޭނެ ކަަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.