ކޮވިޑް 19

ސްޕެއިންގެ އެއްވެސް ސަރަހައްދަކުން އަދި ފްރާންސާއި ޖަރުމަނުގެ ބައެއް ސަރަހައްދުތަކުން މީހުން އައުން މަނާކޮށްފި

އިބްރާހިމް ޒަކީ

މިރޭ 12:00 ފަހުން ސްޕެއިންގެ އެއްވެސް ސަރަހައްދަކުންނާއި ޖަރުމަނު އަދި ފްރާންސްގެ ބައެއް ސަރަހައްދުތަކުން ރާއްޖެއަށް މީހުން ނާދެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް 19 އިގެ ހާލަތާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ބައެއް ގައުމުތަކުން މީހުން ރާއްޖެ އައުން މަނާކޮށް، ރިސޯޓްތަކަށް ދަތުރު ކުރުން މަނާ ކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިރޭ 12:00 އިން ފެށިގެން ސްޕެއިންގެ އެއްވެސް ސަރަހައްދަކުންނާއި ޖަރުމަނު އަދި ފްރާންސްގެ ބައެއް ސަރަހައްދުތަކުން ރާއްޖެއަށް މީހުން ނާދެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

އިތުރު ތަފްސީލް ދެއްވަމުން ކޮވިޑް 19 ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، މިރޭންފެށިގެން ރާއްޖެއައުން މަނާކޮށްފައިވާ ޖަރުމަނު ވިލާތުގެ ތިން ރަށަކީ، ބަވޭރިއާ، ނޯތްރައިންވެސްޓްފާލިއާގެ އިތުރުން ބާޑަންވޫތަންބާގް ކަމަށެވެ. އަދި ފްރާންސްގެ އިލްދިފްރާންސް އާއި ގްރޭންއެސްތުން ރާއްޖެއަށް މީހުން އައުން މަނާކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެކުރިިން ރާއްޖެއަށް މީހުން އައުން މަނާކޮށްފައިވާ ގައުމު ތަކަކީ، ޗައިނާ އާއި އިރާން އާއި އިޓަލީ އަދި ސައުތު ކޮރެއާގެ ދެ ޕްރޮވިންސެއްގެ އިތުރުން އަދި ބަންގްލާދޭޝް އެވެ.