ކޮވިޑް 19

އަމުރުތަކާ ހިލާފުވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނަން: އަލީ ވަހީދު

އިބްރާހިމް ޒަކީ

ކޮވިޑް 19 އިން ސަލާމަށް ވުމަށް ރާއްޖޭގައި މިހާރު އިއުލާން ކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ނެރޭ އަމުރުތަކާ ހިލާފުވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 އާބެހޭ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ބައްޔާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީންނާއި ހެލްތު މިނިސްޓްރީންނާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނެރެފައިވާ ބަޔާންތައް، ރަޖިސްޓްރީ ކޮށްފައިވާ ޓޫރިޒަމްގެ ހުރިހާ އެސްޓެބްލިޝްމެންޓްތަކަށް ފޮނުވައި އާއްމު ކޮށްފައިވާ ކަމަށެވެ.

އެއިން އެއްވެސް ސާކިއުލާއަކާއި، އުސޫލަކާ ހިލާފްވާ ކޮންމެ ފަރާތަކަށް އެޅެންއޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

"މި ސާކިއުލާ ތަކާ ހިލާށް ކިތަންމެ ކުޑަ ނަމަވެސް ހިލާފެއް ވެއްޖެނަމަ ސަރުކާރުން ނިންމާފައިވަނީ އެޅެންއޮތް އެންމެ ހަރުކަށި ފިޔަވަޅުއަޅަން ،" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީވަހީދު ވިދާޅުވީ، މިހާރުވެސް ކަމާބެހޭ ތަހުގީގުތައް ފުލުހުން ކުރިއަށް ގެންދާ ކަމަށެވެ.

އަދި އެ ތަހުގީގުތައް ނިމުމުން އިހުމާލުވަނީ ސަރުކާރުގެ ފަރާތެއް ކަމަށްވިޔަސް، އަމިއްލަ ފަރާތެއް ކަމަށްވިޔަސް ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

"ފުލުހުން އެބަގެންދޭ ތަހުގީގުތައް ކުރަމުން އެތަހުގީގަށްފަހު ކޮންމެ ފަރާތެއް ނަަމަވެސް އިހުމާލުވާނަމަ ފިޔަވަޅު އަަޅާނަން، އެއީ ސަރުކާރުގެ ފަރާތެއް ކަމުގައި ވިޔަސް އަދި އަމިއްލަ ފަރާތެއްވިޔަސް، އާއްމު ސިއްހަތު ރައްކާތެރިކުރުމަށް ނެރެފާއިވާ ސާކިއުލާ ތަކާއި ގާނޫނުތަކާއި ގަަވާއިދުތަކާ ހިލާފްވާ ފަރާތްތަަކަށް ފިޔަވަޅު އަޅާނެ،" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީވަހީދު ވިދާޅުވީ، އަޅާ ފިޔަވަޅު ތަކުގެ ސަބަބުން އުނދަގޫތަކާއި ދަތިތައް ކުރިމަތިވާނެ ކަމަށެވެ.

ނަމަވެސް އެކަންކަމަކީ ދިވެހި އެންމެހާ ރައްޔިތުންނާއި ރާއްޖެއަށް ޒިޔާރަތްކުރާ އެންމެންނާއި މުޅި ގައުމުގެ ސަލާމަތާ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކެއް ކަމަށްވެސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.