ކޮވިޑް 19

ކޮވިޑް 19 : ކޮލެޖްތަކާއި ޔުނިވާސިޓީތަކާއި ތަމްރީނުދޭ މަރުކަޒުތައް ބަންދު ކުރަން އަންގައިފި

އިބްރާހިމް ޒަކީ

ކޮވިޑް 19 އާ ގުޅިގެން ކޮލެޖްތަކާއި ޔުނިވާސިޓީތަކާއި ތަމްރީންދޭ މަރުކަޒުތައް ބަންދު ކުރަން އަންގައިފި އެވެ.

ކޮލެޖްތަކާއި ޔުނިވާސިޓީތަކާއި ތަމްރީންދޭ މަރުކަޒުތައް ބަންދު ކުރަން އެޗްޕީއޭ އިން އަންގާފައިވަނީ މިއަދު ކުރި އިއުލާނެއްގައެވެ.

އެގޮތުން މިއަދުން ފެށިގެން ދެ ހަފުތާއަށް ކޮލެޖްތަކާއި ޔުނިވާސިޓީތަކާއި ތަމްރީންދޭ މަރުކަޒުތައް ބަންދު ކުރުމަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.

މި ނިންމުމަކީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ގާނޫނީ ބާރުގެ ތެރެއިން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މީގެ އިތުރުން ރިސޯޓުތަކުން ރަށްރަށަށް އަދި ރަށްރަށުން ރިސޯޓްތަކަށް މީހުން ދިއުން އެޗްޕީއޭއިން ވަނީ މަނާ ކޮށްފައެވެ. އަދި 14 ދުވަހަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ގެސްޓް ހައުސްތައް ފަތުރުވެރިންނަށް ބަންދު ކުރުމަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.