މާލެޔާއި ވިލިމާލެ އަދި ހުޅުމާލޭގެ ގެސްޓް ހައުސްތައް ފަތުރުވެރިންނަށް 14 ބަންދުކުރަން އަންގައިފި އެވެ.
އެޗްޕީއޭއިން މިކަން އަންގާފައިވަނީ މިއަދު ނެރުނު ބަޔާނެއްގައެވެ.
އެގޮތުން މިރޭ 12:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް މާލެ، ހުޅުމާލެ އަދި ވިލިނގިލީގައި ހިންގާ ގެސްޓްހައުސް އަދި ސިޓީ ހޮޓާތަކަށް ބިދޭސީ ފަތުރުވެރިން ޗެކިން ކުރުން ހުއްޓާލަން އެޗްޕީއޭއިން ވަނީ އަންގާފައެވެ.
މިހާރު މާލެ، ހުޅުމާލެ އަދި ވިލިނގިލީގައި ހިންގާ ގެސްޓްހައުސް އަދި ސިޓީ ހޮޓާތަކުގައި ތިބި ފަތުރުވެރިންނަށް ބުކިންގްގެ މުއްދަތު ހަމަވަންދެން އެތަނުގައި ތިބުމުގެ އެއްވެސް ހުރަހެއް ނެތް ކަމަށްވެސް އެޗްޕީއޭގެ ބަޔާނުގައި ވެއެވެ. ކަމާއިބެހޭ އިދާރާ ތަކުން މިކަންކަން ތަންފީޒު ކުރުމަށް ބާރުއެޅުމަށް އެޗްޕީއޭއިން އެދިފައި ވެއެވެ.
އެޗްޕީއޭގެ މި ނިންމުމަކީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ގާނޫނީ ބާރުގެ ތެރެއިން ކޮވިޑް 19 އިން ރައްކާތެރިކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ނިންމާފައިވާ ނިންމުމެއް ކަމަށް އެ އިދާރާއިން ބުނެއެވެ.
މާލެ، ހުޅުމާލެ އަދި ވިލިނގިލީގައި ހިންގާ ގެސްޓްހައުސް އަދި ސިޓީ ހޮޓާތަކަށް ބިދޭސީ ފަތުރުވެރިން ޗެކިން ކުރުން ހުއްޓާލުމަށް އެންގުމުގެ އިތުރުން އެޗްޕީއޭ އިން ވަނީ ކޮލެޖްތަކާއި ޔުނިވާސިޓީތަކާއި ތަމްރީނުދޭ މަރުކަޒުތައް ބަންދު ކުރަން ވެސް އަންގައިފައެވެ. އަދި ރިސޯޓުތަކުން ރަށްރަށަށް މީހުން ދިއުމާއި، ރިސޯޓްތަކަށް މީހުން ދިއުން ވެސް ވަނީ މަނާކޮށްފައެވެ.