އިބްރާހިމް ޒަކީ
ކޮވިޑް 19 އާ ގުޅިގެން ރިސޯޓުތަކުން ރަށްރަށަށް މީހުން ދިއުމާއި، ރިސޯޓްތަކަށް މީހުން ދިއުން މަނާކޮށްފި އެވެ.
މިކަން މަނާކޮށްފައިވަނީ ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގައި އިއުލާން ކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ސޮއި ކުރައްވައި އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޮރޯނާ ވައިރަހުން ރައްކާތެރި ކުރުމަށް ގާނޫނު ނަމްބަރު 7/2012 (އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު)ގެ 34 ވަނަ މާއްސާގެ (ރ) ގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ގާނޫނީ ބާރުގެ ތެރެއިން ރިސޯޓްތަކުން ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް މީހުން ދަތުރު ކުރުމާއި، ރާއްޖޭގެ އެހެން ރަށަކުން ރިސޯޓްތަކަށް މީހުން ދަތުރު ކުރުން މިއަދު 18:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަށް ހުއްޓާލުމަށް އަންގާ ކަމަށެވެ.
ރިސޯޓުތަކުން ރަށްރަށަށް މީހުން ދިއުމާއި، ރިސޯޓްތަކަށް މީހުން ދިއުން މަނާކޮށްފައިވާއިރު، ކޮވިޑް 19 އަށް މިއަދު ޕޮޒިޓިވްވި މީހަކާއެކު ރާއްޖޭން ކޮވިޑް 19 އަށް ޕޮސިޓީވް ވި މީހުންގެ އަދަދު ވަނީ 10 އަކަށް އަރައިފައެވެ.
އޭގެ ތެރޭގައި ހިމެނެނީ، ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައި ފަތުރުވެރިންނާއި، ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނޭ ގޮތަށް ބިދޭސީންނެވެ.