ކޮވިޑް 19

ކޮވިޑް 19 : އަލީބާބާގެ ބާނީ، އެމެރިކާއަށް ފަސް ލައްކަ ޓެސްޓު ކިޓާއި އެއް މިލިޔަން ފޭސް މާސްކް ހަދިޔާ ކުރަނީ

މިންހާ ފާއިޒް ރަޝާދު

ކޮރޯނާވައިރަސްއިން ޖެހޭބަލި ކޮވިޑް-19 އެމެރިކާގައި ހަލުވިކަމާ އެކު ފެތުރެމުންދާތީ، އެކަމަށް ބޭނުންވާ ބައެއް ސާމާނު ހަދިޔާ ކުރުމަށް އަލީބާބާގެ ބާނީ ނިންމައިފި އެވެ.

އަލީބާބާގެ ފައުންޑާ އަދި ބިލިޔަނަރު ޖެކް މާ ވަނީ އެމެރިކާއަށް އެހީވުމަށް ފަސް ލައްކަ ޓެސްޓިން ކިޓާއި އެއް މިލިޔަން މާސްކު ހަދިޔާ ކުރަން ނިންމާފައިވާކަން އިއުލާންކޮށްފައެވެ.

ހުކުރު ދުވަހު ޖެކްގެ ފައުންޑޭޝަނުން ނެރުނު ނޫސްބަޔާނުގައި ވަނީ މެޑިކަލް ސަޕްލައިތައް ހޯދުމަށް އެތައް ހަފުތާއެއް ވަންދެން މަސައްކަތް ކުރި ކަމަށް ބުނެފައެވެ.

"އަހަރެންގެ އަމިއްލަ ގައުމުގައި ދިމާވި ކަންތައްތަކުން އަރައިގަތުމުގައި އެންމެ ބޮޑަށް އެހީވެދިނީ ހަރުދަނާ ގޮތެއްގައި ގިނަ ބަޔަކު ޓެސްޓު ކުރެވި، ސިއްހީ ދާއިރާގެ ފަރާތްތައް ރަނގަޅު ޕްރޮޓެކްޓިވް އިކުއިޕްމަންޓް ބޭނުން ކުރީމަ. އޭގެ ސަބަބުން ބަލި އިތުރަށް ފެތުރުނަ ނުދީ މަތަ ކުރެވުނު." ޖެކް ގެ ބަޔާނުގައި ވެއެވެ.

ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން އެމެރިކާގައި ރޭ ވަނީ ކުއްލިހާލަތު އިއުލާނުކޮށްފައެވެ. އެގައުމުން މިހާތަނަށް 2,329 މީހުންނަށް ކޮވިޑް 19 ޖެހިފައިވާ އިރު، ޖުމުލަ 50 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. 41 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

އެމެރިކާގައި ކުއްލި ހާލަތު އިއުލާނުކުރުމާއެކު، މި ބަލިން ސަލާމަތްވުމަށް 50 ބިލިއަން ޑޮލަރު ހަރަދު ކުރުމުގެ ފުރުސަތު ރައީސް ޑޮނަލްޑް ޓްރަމްޕަށް ލިބިވަޑައިގަންނަވާނެ އެވެ.

ޗައިނާގެ ވުހާން ސިޓީގައި މިދިޔަ ޑިސެމްބަރުގައި ފެތުރެންފެށި ނޮވެލް ކޮރޯނާވައިރަސް 145،193 މީހުނަށް ޖެހިފައިވާއިރު އޭގެ ތެރެއިން 5،404 މީހުން ވަނީ މަރުވެފައެވެ. 70،251 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

މިވައިރަހަކީ އެމެރިކާއިން ޗައިނާއަށް އެތެރެކުރި ވައިރަހެއް ކަމުގެ ތުހުމަތު ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިއްޔެ ކުރެއްވި ޓުވީޓުގައި ވަނީ ކުރައްވާފައެވެ.

އަލީބާބާގެ ފައުންޑާ ޖެކް މާ އަކީ ޗައިނާ ބޭފުޅެއް ކަމުން ގިނަ ބަޔަކު ޖެކް މިދަނޑިވަޅުގައި މިނެންގެވި އިސްނެންގެވުމަށް ތައުރީފު ކުރެއެވެ.