ކޮވިޑް 19

ކޮވިޑް 19 : ޑްރީމްލޭންޑް މޯލްޑިވްސް ރިސޯޓު އަދި ވައިޓް ވޭވްސް ސަފާރީ މޮނިޓަރިންއަށް

މަރިޔަމް ޝަހުދާ

ކޮވިޑް 19 އަށް ޝައްކު ކުރެވޭ އަލާމަތްތަކެއް ފެނުމާގުޅިގެން ޑްރީމްލޭންޑް މޯލްޑިވްސް ރިސޯޓު އަދި ވައިޓް ވޭވްސް ސަފާރީ މޮނިޓަރިންނަށް ގެންގޮސްފި އެވެ.

އެޗްޕީއޭ އިން މިއަދު ކުރި ޓުވީޓެއްގައި ވަނީ ޑްރީމްލޭންޑް މޯލްޑިވްސް ރިސޯޓުން ކޮވިޑް 19އަށް ޝައްކު ކުރެވޭ ދެ މީހަކު ފެނިފައިވާ ކަމަށް ބުނެފައެވެ. އަދި ސަފާރީ އުޅަނދެއް ކަމަށްވާ ވައިޓް ވޭވްސް އިން ކޮވިޑް 19އަށް ޝައްކު ކުރެވޭ މީހަކު ފެނިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ޑްރީމްލޭންޑް މޯލްޑިވްސް ރިސޯޓުން މި ބައްޔަށް ޝައްކު ކުރެވޭ ދެމީހުން އައިސޮލޭޓް ކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި ވައިޓް ވޭވްސް އިން މި ބައްޔަށް ޝައްކު ކުރެވޭ މީހާވެސް މިހާރު އެކަހެރި ކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މީގެ އިތުރުން މި ރިސޯޓު އަދި ސަފާރީވެސް މިހާރު ވަނީ މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިހާތަނަށް އައިއިރު ރާއްޖޭން ނުވަ 10 މީހަކު ކޮވިޑް 19 އަށް ވަނީ ޕޮސިޓިވްވެފައެވެ. އެހުރިހާ މީހުންނަކީވެސް ބިދޭސީންނެވެ. އޭގެ ތެރޭގައި ހިމެނެނީ، ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައި ފަތުރުވެރިންނާއި، ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.

ނެޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ކޮވިޑް 19 އަށް ޝައްކު ކުރެވޭ 110 ސާމްޕަލް މިހާތަނަށް ރާއްޖޭން ޓެސްޓްކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 92 ސާމްޕަލް ވަނީ ނެގެޓިވް ވެފައި ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.