ކޮވިޑް 19

ކޮވިޑް 19 : ފުލް މޫން، ބަޑޮސް، މީރު އައިލެންޑް، މޮނިޓަރިންއަށް

އިބްރާހިމް ޒަކީ

ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމަތްތަކެއް ފެނުމާގުޅިގެން މީރު އައިލެންޑް ރިސޯޓް، ބަޑޮސް އައިލެންޑް ރިސޯޓް ގެ އިތުރުން ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް މޮނިޓަރިންނަށް ގެނަސްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، އެ ތިން ރިސޯޓަކުން ޝައްކު ކުރެވޭ މީހުންގެ ސާމްޕަލްތައް ނަގައި ކޮވިޑް 19 އަށް ޓެސްޓް ކުރަމުންދާކަމަށެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް އެ ތިން ރިސޯޓުން ވެސް ބައްޔަށް ޝައްކުރެވޭ މީހުން ގޭގައި އެކަހެރިކޮށްގައިވާކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ. އަދި އެ ތިންރިސޯޓްތަކުގެ ކަންތައް ވަރަށް ގާތުން ބަލަމުންދާކަމަށް އެޗްޕީއޭއިން ބުންޏެވެ.

މިހާތަނަށް އައިއިރު ރާއްޖޭން ނުވަ މީހަކު ކޮވިޑް 19 އަށް ވަނީ ޕޮސިޓިވްވެފައެވެ. އެހުރިހާ މީހުންނަކީވެސް ބިދޭސީންނެވެ.

އޭގެ ތެރޭގައި ހިމެމެނީ، ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައި ފަތުރުވެރިންނާއި، ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.

އެމީހުންގެ ތެރޭގައި ހިމެނެނީ ކުރެއްދޫ އައިލެންޑް ރިސޯޓުން ހަތަރު މީހުންނާއި، ސޭންޑީޒް ބަތަލާ ރިސޯޓާއި ކުރަމަތި މޯލްޑިވްސްއިން ކޮންމެ ރިސޯތަކުން ދެމީހަކާއި، އަނަންތަރާ ދިގު މޯލްޑިވްސްއިން އެކަކެވެ.

ނެޝެނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ކޮވިޑް 19 އަށް ޝައްކުކުރެވޭ 110 ސާމްޕަލް މިހާތަނަށް ރާއްޖޭން ޓެސްޓްކޮށްފައިވާ ކަމަށެވެ. އޭގެ ތެެރެއިން 92 ސާމްޕަލް ވަނީ ނެގެޓިވް ކަމަށް ދައްކައިފައެވެ.

އަދި އޭގެ ތެރެއިން 18 ސާމްޕަލްގެ ނަތީޖާ އަދި ނުލިބިވާކަމަށްވެސް ނެޝެނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ.