ކޮވިޑް 19

ކޮވިޑް 19 އިން ރަނގަޅުވި ނަމަވެސް ފުއްޕާމޭ ހަލާކުވެ ނޭވާ ކުރުވާގޮތް މުޅިއުމުރަށް ދިމާވޭ: ހޮންގްކޮންގް ގެ ޑޮކްޓަރުން

މިންހާ ފާއިޒް ރަޝާދު

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހުން ޖެހޭ ބަލި ކޮވިޑް19 އިން ރަނގަޅުވި ނަމަވެސް ބައެއް މީހުންނަށް މުޅި އުމުރަށް އުޅެން ޖެހެނީ ނޭވާ ކުރުވެ ފުއްޕާމޭގެ އެކި މައްސަލަތަކަށް ފަރުވާ ހޯދުމުގައި ކަމަށް ހޮންގް ކޮންގް ގެ ޑޮކްޓަރުން ބުނެފި އެވެ.

ހޮންގް ކޮންގް ގެ ހޮސްޕިޓަލް އޮތޯރިޓީން އެހެން ބުނީ އެންމެ ފުރަތަމަ ކޮވިޑް19 ޖެހި އެއްކޮށް ރަނގަޅުވުމަށްފަހު ގެއަށް ފޮނުވާލި މީހުން ބޭނުންކޮށްގެން ހެދި ދިރާސާއަކަށްފަހުއެވެ.

އެދިރާސާއިން ހާމަވިގޮތުގައި 12 މީހުންގެ ގްރޫޕަކަށް ބެލިއިރު ދޭއް ނުވަތަ ތިން މީހުންގެ ފުއްޕާމެޔަށް ހުރީ އެކި ކަހަލަ ބަދަލުތައް އައިސްފައެވެ.

"ބާރަށް ހިނގާނަމަ ނޭވާ ކުރުވޭ. ބައެއް މީހުންގެ ފުއްޕާމޭގެ 20 ނުވަތަ 30 ޕަސެންޓް ހުރީ ހަލާކުވެފައި." ހޮންގް ކޮންގް ގެ އިންފެކްޝިއަސް ޑިޒީޒް ސެންޓަރުގެ މެޑިކަލް ޑިރެކްޓަރު އޮފް ދަ އޮތޯރިޓީ އޮވެން ސާންގް ތަކް-ޔިން ބުރާސްފަތު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި ކަމަށް ސައުތް ޗައިނާ މޯނިންގް ޕޯސްޓުގައި ބުނެފައި ވެއެވެ.

އޮވެން ވިދާޅުވީ، އެ މީހުންނަކީ ބަލިން މުޅިން ސަލާމަތްވެފައި ތިބި މީހުން ކަމަށެވެ.

އޭނާ ވިދާޅުވީ މިބަލި ޖެހި ރަނގަޅުވާ މީހުން ކާޑިއޯވަސްކިއުލާ ކަސްރަތުތައް ކުރުން މުހިންމު ކަމަށެވެ. އޭގެ ތެރޭގައި ފެތުން ހިމެނޭ ކަމަށް ވިދާޅުވިއެވެ. އޭގެ ސަބަބުން ފުއްޕާމޭގެ ކެޕޭސިޓީ އިތުރުވަމުން ދާނެ ކަމަށްވެސް ވިދާޅުވިއެވެ.

"މީގެން ލިބޭ ގެއްލުމުގެ ވާހަކަ ދައްކަންވެސް އަދި މާ އަވަސް. ނަމަވެސް ނުވަ މީހުންގެ ސްކޭނަކުން ދައްކާ ގޮތުގައި އެމީހުންގެ ފުއްޕާމޭ ވެސް ހުރީ ހަލާކުވެފައި. ހީވަނީ ބިއްލޫރި ފްރޮސްޓް ވެފައި ހުރިހެން" އޮވެން ވިދާޅުވިއެވެ.

ކޮވިޑް19 މުޅި ދުނިޔޭގެ 145،000 މީހުނަށް ޖެހިފައި ވާއިރު އޭގެ ތެރެއިން 5400 މީހުން ވަނީ މަރުވެފައެވެ. 69607 މީހުން ވަނީ ބަލިން ރަނގަޅު ވެފައެވެ.

މިބަލި ޖެހޭ މީހުންގެ ތެރެއިން އެންމެ ސީރިއަސް ވަނީ އުމުރުން ދުވަސްވީ މީހުންނެވެ.

ޑަބްލިޔުއެޗްއޯއިން ވަނީ ކޮވިޑް 19 އަކީ މުޅި ދުނިޔެއަށް ފެތުރޭނެ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.