ކޮވިޑް 19

ކުރަމަތި ރިސޯޓުންނާއި ސަންގެލި ރިސޯޓުން ޓެސްޓުކުރަން ފޮނުވި ތިން މީހެއްގެ ނަތީޖާ ނެގެޓިވް

ކުރަމަތި ރިސޯޓުންނާއި އޮބްލޫ ސަންގެލި ރިސޯޓުން ޓެސްޓުކުރަން ފޮނުވި ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ބައްޔަށް ނެގަޓިވް ވެފައިވާ ކަމަށް ކޮވިޑް 19ގެ ހާލަތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މުހައްމަދު މަބުރޫކު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކު ވިދާޅުވީ އެ ހަތަރު މީހުންގެ ތެރެއިން އެކަކުގެ ނަތީޖާ އަދި ލިބިފައިނުވާ ކަމަށެވެ.

"ކުރަމަތި ރިސޯޓުގެ އެއް ސާމްޕަލް ނެގަޓިވް. އަދި އިތުރު އެއް ސާމްޕަލް ވަނީ ނެގިފައި. އެ ސާމްޕަލްގެ ނަތީޖާ އަދި އެނގޭކަށް ނެތް. އޮބްލޫ ސަންގެލިން ނެގުނު ދެ ސާމްޕަލް ވެސް ނެގަޓިވް،" މަބްރޫކު ވިދާޅުވިއެވެ.

އެ ހަތަރު މީހުންގެ ޓެސްޓުތައް ހެދުމަށް އިއްޔެ ސާމްޕަލް ނަގާފައިވަނީ އެމީހުންގެ ގައިން ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކު އިތުރަށް ވިދާޅުވީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި އެކަހެރިކޮށްފައި ތިބި ދިހަ މީހެއްގެ ގައިން ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން ނެގި ސާމްޕަލްތަކުގެ ނަތީޖާ އަދި ލިބިފައިނުވާ ކަމަށެވެ.

މިއަދު ރާއްޖެއިން ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ނުވަވަނަ މީހަކު ފެނިފައެވެ. އެ ނުވަ މީހުންނަކީ ވެސް ބިދޭސީންނެވެ.

ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން އިއްޔެ މިނިސްޓަރު އަބްދުﷲ އަމީން ވަނީ ރާއްޖޭގައި 30 ދުވަހުގެ އާންމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާންކުރައްވައިފައެވެ.