ކޮވިޑް 19

ސިކްސް ސެންސަސް ލާމު ރިސޯޓުގައި އިތުރު ދެ ބިދޭސީއަކު އެކަހެރިކޮށްފި

ސިކްސް ސެންސަސް ލާމު ރިސޯޓުގައި އިތުރު ދެ ބިދޭސީއަކު އެކަހެރިކޮށް މޮނީޓާކުރަން ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ބުނީ ރާއްޖެ އެތެރެވުމުގެ ކުރިން ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ މީހަކާ ކޮންޓެކްޓް ވެފައިވާ ދެ ބިދޭސީއަކު އެކަހެރިކޮށްފައިވާ ކަމަށެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19ގެ ހާލަތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މުހައްމަދު މަބުރޫކު ވިދާޅުވީ ސިކްސް ސެންސަސް ރިސޯޓުގައި ޖުމްލަ ހަތަރު ބިދޭސީއަކު އެކަހެރިކޮށް މޮނީޓާކުރަމުން އަންނަ ކަމަށެވެ.

އެ ހަތަރު މީހުންނަކީ ރާއްޖެ އައުމުގެ ކުރިން ކައިވެނީގެ ހަފްލާއަކަށް ދިޔަ ހަތަރު މީހުން ކަމަށާއި އެ ހަފްލާއަށް ދިޔަ އެހެން މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ. އެއިން އެއްވެސް މީހެއްގެ ގައިން ބަލީގެ އަލާމާތެއް އަދި ފެނިފައިނުވާކަން ވެސް މަބްރޫކު ފާހަގަކުރެއްވިއެވެ.

މިއަދު ރާއްޖެއިން ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ނުވަވަނަ މީހަކު ފެނިފައެވެ. އެ ނުވަ މީހުންނަކީ ވެސް ބިދޭސީންނެވެ.

ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން އިއްޔެ މިނިސްޓަރު އަބްދުﷲ އަމީން ވަނީ ރާއްޖޭގައި 30 ދުވަހުގެ އާންމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާންކުރައްވައިފައެވެ.