ސިވިލް ސާވިސް ކޮމިޝަން

ސީއެސްސީގެ މެންބަރު ކަމަށް އައްޔަނުކުރަން އެންމެ ގިނަ މާކްސް އާމިރާއަށް

ސިވިލް ސާވިސްކޮމިޝަން (ސީއެސްސީ) ގެ މެންބަރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ނަންތައް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ދިރާސާކުރުމަށްފަހު، އެންމެ ގިނަ މާކްސް ފާތުމަތު އާމިރާއަށް ދީފިއެވެ.

ސީއެސްސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމުން 22 މީހަކު ވަނީ ކުރިމަތިލައިފައެވެ. އޭގެ ތެރެއިން 14 މީހަކު ޝަރުތު ހަމަވާއިރު، ޝަރުތު ހަމަވާ މީހުންނާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސާތަކާ ބެހޭ ކޮމެޓީން އިންޓަވިއުކޮށް، އެންމެ ގިނަ މާކުސް ހޯދާފައިވަނީ ސީއެޗްއެސްސީގެ ކުރީގެ ޕްރިންސިޕަލް ފާތުމަތު އާމިރާ އެވެ.

ސީއެސްސީގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމުގައި އިއްވަމުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ މުގައްރިރު މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ސީއެސްސީގެ މެންބަރު ކަމަށް މެންބަރަކު އައްޔަން ކުރުމުގައި ބަލާނެ މިންގަނޑުތަކެއް ކޮމެޓީން އެކުލަވާލި ކަމަށެވެ.

އެގޮތުން މާކްސް ދިނުމުގައި އެމީހެއްގެ ނަޒާހަތްތެރި ކަމަށާއި ތައުލީމާއި ތަޖުރިބާއަށް ބަލާފައިވާނެ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. ރޮޒެއިނާ ވިދާޅުވީ ކޮމެޓީން ދިރާސާކުރިއިރު 75 އިންސައްތައިން މަތިން މާކްސް ލިބޭ ފަރާތްތައް ފާސްވާގޮތަށް ކަނޑައަޅާފައިވާނެ ކަމަށާއި 13 ފަރާތަކާއި އިންޓަވިއުކޮށްގެން 75 އިންސައްތައިން މަތިން މާކްސް ހޯދާފައިވަނީ ތިން ފަރާތެއް ކަމަށެވެ.

ސީއެސްސީގެ މެންބަރު ކަމަށް ފާސްވި ތިން ފަރާތުގެ ތެރޭގައި ފާތުމަތު އާމިރާއަށް 87 މާކްސް ލިބިފައިވާއިރު، ތ. ހިރިލަންދޫ، ލިލީގޭ އަބްދުއްރަހީމް ހަސަނަށް 83.4 މާކްސް، އަދި މ. ވެލަގަލި މުހައްމަދު މާހިދު ޝަރީފަށް 79.5 މާކްސް ލިބިފައިވެއެވެ.

ފާތިމަތު އާމިރާ ވަނީ ސީއެޗްއެސްސީގެ ޕްރިންސިޕަލްގެ މަގާމުގެ އިތުރުން އެ ސުކޫލުގެ ޓީޗަރު ކަމާއި އެޑިޔުކޭޝަން މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުވެސް އަދާކުރައްވާފަ އެވެ.

ސީއެސްސީއަށް މެންބަރަކު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިއުލާންކުރީ އެ ކޮމިޝަންގެ މެންބަރު ރީނީ އަބްދުއްސައްތާރުގެ ދައުރު މިއަދަށް ހަމަވާތީ އެވެ.