ކޮވިޑް 19

ކޮވިޑް 19 : ހަރުދަނާ ފިޔަވަޅުތައް އަޅައިފިނަމަ ޖޫން ހިސާބުގައި ވައިރަސް ހުއްޓުވޭނެ ކަމަށް ލަފާކޮށްފި

އަލީ ޔާމިން

ދުނިޔޭގެ ބޮޑު ސަރަހައްދަކަށް މިހާރު ފެތުރިފައިވާ ކޮރޯނާވައިރަސްގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ހުރިހާ ގައުމަކުންވެސް ހަރުދަނާ ފިޔަވަޅުތައް އަޅައިފި ނަމަ، ދުނިޔޭގައި އެ ވައިރަސް ފެތުރުން އަންނަ ޖޫން މަހާ ހަމައަށް ހުއްޓުވޭނެ ކަމަށް ޗައިނާ ސަރުކާރުގެ ސިއްހީ އެޑްވައިޒަރަކު ވިދާޅުވެއްޖެއެވެ.

ޗައިނާ ސަރުކާރުގެ ސިއްހީ އެޑްވައިޒަރެއް ކަމަށްވާ ޖޮންގް ނަންޝަން އެފަދައިން ވިދާޅުވީ، ކޮރޯނާވައިރަހަކީ މުޅި ދުނިޔެއަށް ފެތުރޭގެ ބަލިމަޑުކަމެއްކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން ކަނޑައެޅުމާ ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ޖޮންގް ވިދާޅުވީ، ޗައިނާގައި ކޮވިޑް 19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވަމުން އަންނަ ކަމަށާއި ދުނިޔޭގެ ގައުމުންތަކުން އެ ވައިރަސް ކޮންޓްރޯލް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފިނަމަ ޖޫން މަހުގެ ތެރޭގައި އެ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ. އަދި ހުރިހާ ގައުމަކުންވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިރުޝާދުތަކަށް ކަމޭހިތައި އެގޮތަށް އަމަލު ކުރުމަށް ޖޮންގް ގޮވާލިއެވެ.

"ހުރިހާ ގައުމަކުންވެސް ޑަބްލިއުއެޗްއޯގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އަޅުގަނޑު ގޮވާލަން. ހުރިހާ ގައުމަކުންވެސް ގައުމީ ފެންވަރުގައި މި ވައިރަހާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތައް އަޅައިފިނަމަ، އަންނަ ޖޫން މަހާ ހަމައަށް ބަލިމަޑުކަން ހުއްޓުވޭނެ،" ޖޮންގް ވިދާޅުވި އެވެ.

މީގެ އިތުރުން ޖޮންގް ވިދާޅުވީ ކޮރޯނާވައިރަހުގެ ބަލިމަޑުކަން ފެތުރޭ މިންވަރާއި އޭގެ ސަބަބުން ލިބޭ ގެއްލުމަށް ބައެއް ގައުމުތަކުން ސަމާލުކަން ނުދީފިނަމަ، ވައިރަސް ފެތުރުން ހުއްޓުވަން ގިނަ ދުވަސް ނެގުން އެކަށީގެންވާ ކަމަށެވެ.

ޖޮންގް އަކީ ޗައިނާ ހިމެނޭހެން އިތުރު 16 ގައުމެއްގައި 2002 އާއި 2003އާ ދެމެދު ފެތުރުނު ސާސް ބަލި ކޮންޓްރޯލް ކުރުމުގައި އިސް ދައުރެއް އަދާކުރެއްވި ޑޮކްޓަރެކެވެ. ސާސް ބަލި އަދި މާސް ބައްޔަކީވެސް އެހެންބާވަތެއްގެ ކޮރޯނާވައިރަސްގެ ސަބަބުން ޖެހޭ ބައްޔެކެވެ.

ޖޮންގް ވަނީ ކޮވިޑް 19އާ ދެކޮޅަށް ޗައިނާއިން ކުރަމުން އަންނަ މަސައްކަތަކަށް ބަލާއިރު އަންނަ މަސް ނިމޭ އިރު އެގައުމުގައި ކޮވިޑް 19 ކޮންޓްރޯލް ކުރެވޭނެ ކަމަށް ލަފާ ކުރެވޭކަމަށް ވިދާޅުވެފައެވެ.

ކޮވިޑް 19 އެންމެ ފުރަތަމަ ފެތުރެން ފަށާފައިވަނީ ޗައިނާގެ ވޫހާން ސިޓީގައެވެ. އެ ވައިރަސްގެ ސަބަބުން މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީވެސް ޗައިނާގައެވެ. އެގޮތުން އެ ގައުމުގައި 80،815 މީހުންނަށް އެ ބަލި ޖެހިފައިވާއިރު ބަލީގައި އެގައުމުން 3177 މީހުން މަރުވެފައިވެއެވެ. އަދި 64،152 މީހުން ވަނީ އެ ބަލިން ރަނގަޅުވެފައެވެ.

ޗައިނާއިން ބޭރުގައި ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވަނީ އިޓަލީގައެވެ. އެގޮތުން އިޓަލީގައި 15،000 އަށްވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، 1،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މުޅި ދުނިޔެއިން ކޮވިޑް 19އަށް 138،608 މީހުން ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން 70،725 މީހުން ވަނީ ފަރުވާ ދީ ރަނގަޅު ކުރެވިފައެވެ. ކޮވިޑް 19ގެ ސަބަބުން މިހާތަނަށް ދުނިޔޭން މަރުވެފައިވަނީ 50،83 މީހުންނެވެ. އެއީ މިބަލި ޖެހޭ މީހުންގެ ހަތް އިންސައްތައެވެ.

ކޮވިޑް 19 ޖެހޭ މީހުންގެ ތެރެއިން 93 އިންސައްތަ މީހުން ފަރުވާ ދީގެން އެބަލިން ރަނގަޅުވެއެވެ.