ކޮވިޑް 19

އެކްސްކާޝަންތަކަށް ފަތުރުވެރިން މާލެ ސިޓީއަށް ގެނައުން މަނާކޮށްފި

އެކްސްކާޝަންތަކަށް ފަތުރުވެރިން މާލެ ސިޓީއަށް ގެނައުން މަނާކޮށްފިއެވެ.

ކޮވިޑް 19 އިން ރައްކާތެރިވުމުގެ އެ ފިޔަވަޅަކީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ގާނޫނީ ބާރުގެ ތެރެއިން އަޅާފައިވާ ފިޔަވަޅެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ އެކްސްކާޝަންގެ ގޮތުގައި އެއްވެސް ތަނަކުން (ރިސޯޓުތަކުން، ސަފާރީތަކުން، ގެސްޓްހައުސްތަކުން) މާލެ ސަރަހަދަށް (މާލެ، ހުޅުމާލެ، ވިލިމާލެ) މީހުން އައުމާއި ދިއުން މިހާރުން ފެށިގެން ދިހަ ދުވަހުގެ މުއްދަތަށް ހުއްޓާލުމަށް އަންގާ ކަމަށެވެ.

އެކަމާ ގުޅިގެން ކަމާބެހޭ އިދާރާތަކާއި ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި ސަފާރީތައް އޮޕަރޭޓުކުރާ ފަރާތްތަކާއި އެކްސްކާޝަން ރާވައި ހިންގާ އެހެނިހެން ފަރާތްތަކުން ވެސް އެ އެންގުމަށް އަމަލުކުރުމަށް ދަންނަވާ ކަމަށް ވެސް އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އިއްޔެ އެޗްޕީއޭ އިން ވަނީ މީހުން ދިރިއުޅޭ ރަށްރަށަށް އެކްސްކާޝަނަށް ދިއުމާއި، މީހުން ދިރިއުޅޭ ރަށްރަށުން ފަތުރުވެރިން ރިސޯޓުތަކަށާއި ސަފާރީތައް ފަދަ ތަންތަނަށް އެކްސްކާޝަނަށް ދިއުން ހުއްޓާލުމަށް ވެސް އަންގައިފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 ޖެހިފައިވާ އަށް މީހަކު ވަނީ ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.

ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން އިއްޔެ މިނިސްޓަރު އަބްދުﷲ އަމީން ވަނީ ރާއްޖޭގައި 30 ދުވަހުގެ އާންމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާންކުރައްވައިފައެވެ.