ކޮވިޑް 19

ކޮރޯނާވައިރަސް ޗައިނާއަށް ގެނައީ އެމެރިކާއިން: ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު

މިންހާ ފާއިޒް ރަޝާދު

ކޮރީނާވައިރަސް ފުރަތަމަ ޗައިނާއަށް ގެނައީ އެމެރިކާގެ މިލިޓަރީން ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޗިއާއު ލީޖިއަން ވިދާޅުވެއްޖެއެވެ.

ޗިއާއު އެހެން ވިދާޅުވީ އޭނާ ކުރެއްވި ޓުވީޓެއްގައެވެ. އެ ޓުވީޓުގައި ވަނީ އެމެރިކާގެ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ޑިރެކްޓަރު ރޮބާޓް ރެޑްފީލްޑް ޔޫއެސް ކޮންގްރެޝިނަލް ކޮމިޓީގައި ވާހަކަފުޅުދައްކަވާ ވީޑިއޯއެއް ހިއްސާކުރައްވައިފައެވެ.

އެ ވީޑިއޯގައި ރެޑްފީލް ވަނީ އެމެރިކާގައި މިފަހަކަށް އައިސް އިންފުލުއެންޒާއިން މަރުވެފައިވާ މީހުންނަކީ ކޮވިޑް19 އިން މަރުވެފައިވާ މީހުންކަން ދެނެގަނެވިފައިވާ ކަމަށް ވިދާޅުވެފައެވެ.

ނޮވެލް ކޮރޯނާވައިރަސް އިން ޖެހޭ ބަލި ކޮވިޑް19 ޖެހިގެން އެމެރިކާގައި މަރުވީ ކިތައް މީހުން ކަމެއް، ކޮން އިރަކުކަމެއް ނުވަތަ ކޮން ތާރީހުތަކެއްގައި ކަމެއް ރެޑްފީލްޑް ވިދާޅުވެފައެއް ނުވެއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވަނީ ރެޑްފީލްޑް އެ ވިދާޅުވާ ވާހަކައިން ކޮރޯނާވައިސް ފެށިގެން ދިޔައީ ޗައިނާގެ ހޫބޭއި ޕްރޮވިންސުން ނޫންކަން ހާމަވާ ކަމަށް ވިދާޅުވެފައެވެ.

ޗިއާއުގެ ޓުވީޓުތަކުގައި ވަނީ އެމެރިކާއަށް ގިނަ ސުވާލުތަކެއް އުފައްދަވައިފައެވެ. އޭގެ ތެރޭގައި ކޮން އިރަކުތޯ ފުރަތަމަ އެމެރިކާގައި މިބަލި ފެނުނީ އާއި ކިތައް މީހުނަށް އިންފެކްޓްވެފައިވޭތޯ ވަނީ އައްސަވައިފައެވެ. އަދި ހޮސްޕިޓަލުތަކުގެ ނަންތަކަކީ ކޮބައިތޯވެސް ވަނީ ސުވާލު ކުރައްވައިފައެވެ. ހަމައެއާއެކު ވުހާންއަށް އެބަލި ގެނައި ބައްޔަކީ އެމެރިކާގެ އާމީ ކަމުގައިވުން އެކަށީގެންވާ ކަމަށް ވިދާޅުވެފައިވެއެވެ.

މިކަމުގައި ވީހާވެސް ބޮޑަށް ޓްރާންސްޕޭރަންޓްވުމަށް ޗިއާއު ގޮވާލައްވާފައިވެއެވެ. އަދި ޑާޓާތައް ހިއްސާކުރުމަށާއި އެމެރިކާއިން ޗައިނާއަށް ކަންހިނގައިދިޔަގޮތުގެ ތަފްސީލު އަރުވަން ޖެހޭކަމަށްވެސް ޗިއާއު ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރުގައި އެމެރިކާގެ މިލިޓަރީގެ އެތައް ސަތޭކަ އެތުލީޓުންނެއް ވަނީ ވުހާންގައި މިލިޓަރީ ވޯލްޑް ގޭމްސްގައި ބައިވެރުވުމަށް ހަރަކާތްތެރިވެފައެވެ.

ޗިއާއު ފަހުން އަނެއްކާވެސް އެ ވީޑިއޯ ހިއްސާކޮށް އެމެރިކާގެ 34 މިލިޔަން މީހުނަށް އިންފުލުއެންޒާ ޖެހުނު ކަމަށާއި އޭގެ ތެރެއިން 20000 މީހުން މަރުވި ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ރެޑްފީލްޑަށް އަމާޒުކޮށް އޭގެ ތެރެއިން ކޮވިޑް19ގައި މަރުވީ ކިތައް މީހުންތޯ ވަނީ ސުވާލު އުފައްދައިފައެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރޭ ކޮރޯނާވައިރަސް އުފެދުނު ބަލި ކޮވިޑް19ގެ އަސަރު އެންމެ ބޮޑަށް ކުރީ ޗައިނާއަށެވެ. ރަސްމީކޮށް އެނގެން އޮތް ގޮތުން މިބަލި ފެރުތިގެން ދިޔައީ ޗައިނާއިންނެވެ. އެގައުމުގައި 80،754 މީހުންނަށް ކޮވިޑް-19 ޖެހި 3،136 މީހުން ވަނީ މަރުވެފައެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ކޮވިޑް19 އެގައުމުގައި ފެތުރުން ކޮންޓްރޯލް ކުރެވިފައިވާކަން މިދިޔަ ބުދަ ދުވަހު ވިދާޅުވެފައެވެ.