އިންޑިއާ އިން ކޮވިޑް 19 ޖެހިގެން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެއެވެ.
އިންޑިއާގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް 19 އަށް ޕޮޒިޓިވްވި އުމުރުން 76 އަހަރުގެ މީހަކު މިދިޔަ އަންގާރަ ދުވަހު ކަރްނަޓަކާ ސްޓޭޓުން މަރުވެފައިވާ ކަމަށެވެ.
އެމީހާއަކީ ޖެނުއަރީ 29 އިން ފެށިގެން ފެބްރުއަރީ 29ގެ ނިޔަލަށް ސައުދީ އަރަބިއްޔާއަށް ޒިޔާރަތްކުރި މީހެއް ކަމަށާއި މިދިޔަ މަހުގެ ނުވަވަނަ ދުވަހު އޭނާގެ ގައިން ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނީ އެމީހާއަކީ ހައިޕާ ޓެންޝަނާއި އަސްތުމާއަށް ފަރުވާ ހޯދަމުން އަންނަ މީހެއް ކަމަށާއި އޭނާ މަރުވެފައިވަނީ ސަރުކާރުގެ ހޮސްޕިޓަލެއްގައި ފަރުވާދިނުމަށްފަހު ޕްރައިވެޓް ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަގުމަތީގައި ކަމަށެވެ. އަދި އުމުރުން ދުވަސްވީ މީހާގެ އާއިލާ އިން އޭނާ ޕްރައިވެޓް ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތްކޮށްފައިވަނީ ސިއްހީ ލަފައާ ދެކޮޅަށް ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
މިހާތަނަށް އިންޑިއާ އިން ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ 73 މީހަކު ވަނީ ފެނިފައެވެ. މުޅި ދުނިޔެއިން 134،000 އަށްވުރެ ގިނަ މީހުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ އިރު، މިހާތަނަށް އެ ބަލީގައި 4،900 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.