އިނގިރޭސި ފުޓުބޯޅަ ކްލަބު އާސެނަލްގެ ކޯޗު މިކެލް އާޓެޓާ، ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ކޮވިޑް 19 އަށް އާޓެޓާ ޕޮޒިޓިވްވެފައިވާ ކަން އާސެނަލުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
އާސެނަލުގެ ކޯޗު އާޓެޓާ، ކޮވިޑް 19 އަށް ޕޮޒިޓިވްވުމާ ގުޅިގެން މުޅި ޓީމު އެކަހެރިކުރާނެއެވެ. އެހެންކަމުން އާސެނަލުގެ މެޗުތައް ވެސް ފަސްކުރަން ޖެހޭނެއެވެ.
އާސެނަލުން ނެރުނު ބަޔާނެއްގައި ބުނީ އެކްލަބުގެ ކޯޗު އާޓެޓާ، ކޮވިޑް 19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ލަންޑަން ކޮލްނީ ޓްރެއިނިން ސެންޓަރު ބަންދުކުރާނެ ކަމަށާއި ސިއްހީ ގައިޑްލައިނުތަކާ އެއްގޮތަށް "ކްލޯސް ކޮންޓެކްޓް" ވެފައިވާ ކުޅުންތެރިންނާއި އޮފިޝަލުން އަދި ކްލަބުގެ ސްޓާފުން އެކަހެރިކުރާނެ ކަމަށެވެ.
"ފަސްޓް ޓީމު ސްކޮޑާއި ކޯޗިން ސްޓާފު އަދި ހޭލް އެންޑް އެކެޑަމީގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުން ވެސް އެކަހެރިކުރަން ޖެހޭނެ. ކްލޯސް ކޮންޓެކްޓް ވެފައިނުވާ މީހުންނަށް ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތަށް ނުކުމެވޭނެ ކަމަށް ބެލެވޭ،" އާސެނަލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އާޓެޓާ ބުނީ އެކަމާ ގުޅިގެން ވަރަށް ހިތާމަކުރާ ކަމަށާއި މަސައްކަތަށް ނުކުތުމުގެ ހުއްދަ ލިބުނުހާ އަވަހަކަށް މަސައްކަތަށް ނުކުންނާނެ ކަމަށެވެ.