ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރުޑޫގެ އަނބިކަނބަލުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ކެނެޑާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ސޯފީ ޓްރުޑޫ އިނގިރޭސިވިލާތުގައި އޮތް އިވެންޓެއްގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު އެނބުރި ގައުމަށް ވަޑައިގެންނެވި ފަހުން ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން ވަނީ ޓެސްޓުކޮށްފައެވެ.
ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ބޮޑުވަޒީރު ޖަސްޓިންގެ އަނބިކަނބަލުން ސޯފީ، ކޮވިޑް 19 އަށް ޕޮޒިޓިވްވި ނަމަވެސް އެކަމަނާގެ ހާލުކޮޅު ރަނގަޅު ކަމަށާއި ބޮޑުވަޒީރު ޖަސްޓިން 14 ދުވަހަށް އެކަހެރިވެވަޑައިގެން ހުންނަވާނެ ކަމަށެވެ.
ބޮޑުވަޒީރު ޖަސްޓިންގެ ސިއްހީ ހާލަތު ރަނގަޅު ކަމަށާއި ކޮވިޑް 19ގެ އަލާމާތެއް ފެނިފައިނުވާ ކަމަށް ބޮޑުވަޒީރުގެ އޮފީހުން ބުންޏެވެ. އަދި ބޮޑުވަޒީރު ކޮވިޑް 19 އަށް ޓެސްޓުކުރާނީ އަލާމާތްތައް ފެނިއްޖެ ހާލަތުގައި ކަމަށް ވެސް އެމަނިކުފާނުގެ އޮފީހުން މައުލޫމާތުދެއެވެ.
ކެނެޑާގައި 147 މީހުން ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައެވެ. އެ ބަލީގައި އެގައުމުން މިހާތަނަށް އެކަކު މަރުވެފައިވެއެވެ.