ކޮވިޑް 19

ސިކްސް ސެންސަސް ލާމު ރިސޯޓުގައި ދެ ބިދޭސީއަކު އެކަހެރިކޮށްފި

ސިކްސް ސެންސަސް ލާމު ރިސޯޓުގައި ދެ ބިދޭސީއަކު އެކަހެރިކޮށް މޮނީޓާކުރަން ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ އެ ދެ މީހުންނަކީ ރާއްޖެ އެތެރެވުމުގެ ކުރިން ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ މީހަކާ ކޮންޓެކްޓް ވެފައިވާ ދެ މީހުން ކަމަށެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސިކްސް ސެންސަސް ލާމު ރިސޯޓުން ދެ ބިދޭސީއެއް އެ ރިސޯޓުގައި އެކަހެރިކޮށް މޮނީޓާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ކުރަމަތި އައިލެންޑް ރިސޯޓުން ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ފަތުރުވެރިޔަކާ "ކްލޯސް ކޮންޓެކްޓް" ވެފައިވާ ދިވެއްސަކު ވެސް މިރޭ ވަނީ އެކަހެރިކޮށްފައެވެ. ޓެސްޓުގެ ނަތީޖާ ލިބެންދެން އޭނާ އެކަހެރިކޮށްފައިވަނީ ގޭގައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 ޖެހިފައިވާ އަށް މީހަކު ވަނީ ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.

ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން މިއަދު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ރާއްޖޭގައި 30 ދުވަހުގެ އާންމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާންކުރައްވައިފައެވެ.